އަލިފާން

އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މ. ހައުސްޕްލާޒާ ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މ. ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތު ކުރެވެންދެން ދެ ގެއެއްގެ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

މާފަންނު ޝީ ބިލްޑިންގް ކައިރީގައި ހުންނަ މ. ހައުސްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެ އެކެވެ.

މިގޭގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.

އެ ގޮތުން ސެޕްޓެމްބަރު 2023 ގައި މި ގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.