ދިރާގު

"އީދު ބައިބަލާ ޗެލެންޖް 1446" ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގައި ބާއްވާ "އީދު ބައިބަލާ ޗެލެންޖް" ގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިމަހުގެ ފުރަތަމަ ދުވަހު ފެށި ބައިބަލާ ޗެލެންޖު މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާނެ އެވެ.

މި މުބާރާތަކީ ރާއްޖޭގެ ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން ބައިވެރިވެ ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

ބައިބަލާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށްވެފައި، މި މުބާރާތަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލަމުންގެންދާ މުބާރާތެއްކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.

ދިރާގަކީ ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

މި ގޮތުން އެކި ފަރާތްތަކާ ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.