ވެކޭޝަންސް އެކްސްޕޯ 2025 މިއަދު ނިމޭނެ އެވެ.
ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމު ކުރާ މި އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު އޮތީ ފަހިކޮށްދީފަ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވެ އެވެ.

މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ޕެކޭޖުތައް ލިބުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ޓްރެވަލް އެޖެންޓުންނާއި މާހިރުންގެ ކިބައިން ދަތުރުކުރުމަށް ބޭނުންވާ ގިނަ މައުލޫމާތުތައް ލިބޭނެ އެވެ. އެގޮތުން، މިހާރުގެ ޓްރެވަލް ޓްރެންޑުތަކާއި ޗުއްޓީ ރޭވުމުގައި ބަލަންވީ އެންމެ މުހިއްމު ކަންކަމާ ގުޅޭ މައުލޫމާތު އެކި ސްޓޯލްތަކުން ލިބެން ހުންނާނެ އެވެ.
އެކްސްޕޯގައި އެގްޒިބިޓަރުން ބައިވެރިވާ ދާއިރާތައް:
- ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
- ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް
- ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
- ސަރުކާރުގެ އިދާރާތައް
- ޓްރެވަލް އެޖެންޓުން
- މޫދު ކުޅިވަރުގެ ވިޔަފާރިތައް
- އެއާލައިންތައް

މީގެއިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދިން ކަމެކެވެ.

ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރާއި މިއަހަރުވެސް އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.
ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯއަކީ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެކްސްޕޯ އެވެ.