2030 ވަނަ އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 64 ޓީމު ބައިވެރިކުރުމަށް ދެކުނު އެމެރިކާ ބައްރުން ރަސްމީކޮށް ހުށަހަޅައިފި އެވެ.
2030 ވަނަ އަހަރުގެ ވާރލްޑް ކަޕް ބާއްވަން ފީފާއިން ނިންމާފައި ވަނީ ސްޕޭނާއި މޮރޮކޯ އަދި ޕޯޗުގަލްގަ އެވެ. މި މުބާރާތަށް 100 އަހަރު ފުރުމުގެ ގޮތުން ހުޅުވަން ކުޅޭ މެޗުތައް ކުޅޭނީ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވާރލްޑް ކަޕް ގައި ފުރަތަމަ ފަހަރަށް 26 ޓިމު ކުޅޭއިރު، 2030 ވަނަ އަހަރުގެ މުބާރާތުގައި ކުޅޭގޮތަށް ފީފާއިން ހަމަޖައްސާފައި ވަނީ ހަ ބައްރަކުން 48 ޓީމެވެ. އެހެން ނަމަވެސް މި އަދަދު 64 އަށް އިތުރުކުރަން ދެކުނު އެމެރިކާއިން ހުށަހެޅީ ވާރލްޑް ކަޕް ކުޅެން ފެށިތާ 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.
ދެކުނު އެމެރިކާ ބައްރުން ހުށަހެޅި މި ހުށަހެޅުމުގައި ވަނީ 2030 ގެ ވާރލްޑް ކަޕް މުބާރާތުގައި 64 ޓީމަށް ބައިވެރިވެވޭ ގޮތަށް ހަދައިފި ނަމަ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ވާރލްޑް ކަޕް ގައި ބައިވެރިވެވޭނެ ކަމަށާއި އަދި އެއްވެސް ބަޔަކު ބާކީ ނުވާނެ ކަމަށެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަލެހަންދްރޯ ޑޮމިންގުއޭޒް ވިދާޅުވީ ވާރލްޑް ކަޕް މުބާރާތަށް 100 އަހަރު ފުރުން ފާހަގަކުރާއިރު، މިއީ ވަރަށް ޚާއްސަ އަދަދެއް ކަމަށާއި އެކަން ފާހަގަކުރުން އެންމެ ރަނގަޅު ގޮތެއްކަމުގައި ފެންނަނީ އެންމެންގެ ބައިވެރިވުމާއި އެކު އެކަން ފާހަގަ ކުރުމަށެވެ.
މި ހިޔާލު އެންމެ ފުރަތަމަ ހުށަހެޅީ ފީފާ ކައުންސިލް ބައްދަލުވުމެއްގައި މާޗު މަހު އުރުގުއޭގެ ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. އުރުގުއޭ އަކީ އެންމެ ފުރަތަމަ ވާރލްޑް ކަޕް ބޭއްވި ގައުމެވެ. އަދި އެންމެ ފުރަތަމަ ވާރލްޑް ކަޕުގެ ޗެމްޕިއަނެވެ.
މި ހިޔާލާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކޮންގްރެސްގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި ހުށަހެޅުމާމެދު ފީފާއިން ވަކި ގޮތެއް ނިންމާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ.
ދެކުނު އެމެރިކާއިން މިގޮތަށް ހުށަހެޅި ނަމަވެސް މިކަމާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ވަރަށް ގިނަ އެވެ. އޭގެތެރެއިން އެއް ބަޔަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ އެވެ. އެޖަމާއަތުގެ ރައީސް އެލެގެޒެންޑާ ސެފެރިން ވަނީ މި ހިޔާލަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދެކުނު އެމެރިކާއިން ހުށަހެޅި މި ހުށަހެޅުމަށް އަންނަ މޭ މަހުގައި ޕެރަގުއޭގައި ބާއްވާ ފިފާ ކޮންގްރެންސްގައި މި ބަދަލަށް ވޯޓަށް އަހާނެ އެވެ.