Advertisement

ކުރީ ސަރުކާރުގެ އިހުމާލުން ހުކުރު މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ވެފަ: އާދަމް ނަސީރު

ހުކުރު މިސްކިތަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ ވަޒީރު އާދަމް ނަސީރު މެންބަރުންނަށް ދައްކަވަނީ: ފޮޓޯ/ މަޖިލިސް

ނިމިދޔަ ސަރުކާރުން، މާލޭ ހުކުރު މިސްކިތް މަރާމާތުކުރަން ބޭނުންކުރި ކެމިކަލްގެ ސަބަބުން އެ މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަ ދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް، މި ސަރުކާރު އައުމާއެކު އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން، މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް އެތެރޭގައި ތަނބުތަކެއް ޖަހާފައިވާ ކަމަށާ މިސްކިތް މިހާރު ހުރީ ނުރައްކާތެރި ހާލަތެއްގައި ކަމަށްކަން ފާހަގަކުރައްވައި މެންބަރު ވަނީ މި ކަންކަމަށް ހައްލެއް ލިބޭ ގޮތަށް މިސްކިތުގެ މަސައްކަތް އަލުން ފަށައި ނިމޭނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ.

Advertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، އެ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރަކުން ނޫންކަމަށާއި އެތަން މަރާމާތުކުރުމުގެ މަސައްކަތެއް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން ހިނގާފައި ނުވާކަމަށެވެ.

"ގާތްގަނޑަކަށް ހައެއްކަ މަސްދުވަސް އެއްވެސް މަސައްކަތެއް ނުހިނގާ ކުރިއަށް ގޮސްފައި އޮތީ. އަޅުގަނޑުމެން އައިސް އެކަމަކު ދެންމެ މެންބަރުގެ ސުވާލުގައި ފާހަގަކުރެއްވި މަރާމާތުކުރެވިފައި ވަނީ، ކިހިނެއްތޯ، ކޮން ގޮތަކަށްތޯ، ދޭ ރައްކާތެރިކަމަކީ ކޮބައިތޯ ބެލިބެލުމުގައި ފާހަގަކުރެވުނު ކަންތައްތަކެއް އެބަހުރި. އިއްޒަތްތެރި މެންބަރުގެ ސުވާލުގައި ފާހަގަކުރެއްވި އަނެއް ކަމަކީ، ތަނުގެ އަސްލު ގެއްލޭ ގޮތަށް ތަނބުތަކެއް ޖަހާފައި ހުރުން. މި ސަރުކާރުން ޖެހި އެންމެ ތަނބެއް ވެސް ނުހުންނާނެ. އަޅުގަނޑުމެން [މި ސަރުކާރު] އައިއިރު އެ ތަނބުތައް ވަނީ ޖަހާފަ،"

ވަޒީރު އާދަމް ނަސީރު

މިއާއެކު ވަޒީރު ވިދާޅުވީ މިސްކިތުގެ ބެރިތައް ވަަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި މަރާމާތަށް ބޭނުންކުރި ކެމިކަލެއްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. 

"ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފުހެވި ހަލާކުވެފައިވާތަން،" ވަޒީރު ވިދާޅުވިއެވެ. 

މިއަދުގެ މަޖިލީހުގައި ވަޒީރު ވަނީ ހުކުރު މިސްކިތަށް އިހުމާލު ވުމުގެ ސަބަބުން، އެ މިސްކިތުގެ އަސްލަށް ބަދަލު އައިސްފައިވާ ގޮތް ދައްކުވައިދޭ ފޮޓޯވެސް މެންބަރުންނަށް ދައްކަވާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement