ޓިކްޓޮކްގައި ވައިރަލްވި "ދުބާއީ ޗޮކްލެޓް" އާއެކު ގިނަ ޤައުމުތަކުގައި ޕިސްޓާޗިއޯ ލިބުމުގެ ދަތިކަން

ޑުބައި ޗޮކޮލެޓް

ޓިކްޓޮކްގައި ވައިރަލްވެފައިވާ "ދުބާއީ ޗޮކްލެޓް" ގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޕިސްޓާޗިއޯގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދުބާއީ ޗޮކްލެޓަކީ މުރަނަކޮށްފައި ހުންނަ ކުނަފާ އާއި ޕިސްޓާޗިއޯ ކްރީމް އަދި ތަހިނީ އެއްކޮށްގެން ތައްޔާރުކުރާ ޗޮކްލެޓެކެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅު މާރިއާ ވެހެރާ ނަމަކަށް ކިޔާ މީހަކު ޓިކްޓޮކްގައި މި ޗޮކްލެޓްގެ ރަހައަށް ތަޢުރީފުކޮށް ފުރަތަމަ ފަހަރަށް މީހަކު ވީޑިއޯއެއް ޕޯސްޓުކުރިއިރު، މިހާރު އެ ވީޑިއޯ 120 މިލިއަނަށްވުރެ ގިނަ ފަަހަރު ވަނީ ބަލާފައެވެ. މީގެ ސަބަބުން މި ޗޮކްލެޓް އުފެއްދުމަށް ބޭނުންކުރާ ޕިސްޓާޗިއޯގެ ޑިމާންޑް އިންތިހާއަށް އިތުރުވެފައިވެއެވެ.

Advertisement

ޕިސްޓާޗިއޯ އުފައްދާ މައިގަނޑު ދެ ޤައުމު ކަމުގައިވާ އެމެރިކާ އާއި އީރާނުގެ އިޤްތިޞާދަށް މިކަމުގެ ސަބަބުން ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ވެއެވެ.

ނަޓް ވިޔަފާރިވެރިއެއް ކަމަށްވާ ޖައިލްސް ހެކިންގ ފައިނޭންޝަލް ޓައިމްސްއަށް ދެއްވި މަޢުލޫމާތުގައި، އެއް އަހަރުގެ ތެރޭގައި ޕިސްޓާޗިއޯގެ އަގު ޕައުންޑަކަށް 7.65 ޑޮލަރުން 10.30 ޑޮލަރަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު އެމެރިކާގައި ޕިސްޓާޗިއޯގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއެކު، އުފެއްދުނު މަދު މިންވަރުވެސް ފެންވަރު ރަނގަޅުވުމުގެ ސަބަބުން ގިނައިން ވިއްކާފައިވަނީ ނަޓުގެ ބޭރު ތޮއްޓާވެސް އެކުގައެވެ. މިކަމުގެ ސަބަބުން ޗޮކްލެޓް އުފެއްދުމަށް ބޭނުންވާ ޕިސްޓާޗިއޯ ލިބޭ މިންވަރު އިތުރަށް މަދުވެފައިވެއެވެ.

އަނެއްކޮޅުން، އީރާނުގެ އުފެއްދުންތެރިން ވޭތުވެދިޔަ 6 މަހުގެ ތެރޭގައި ޔޫއޭއީއަށް ކުރިން އަހަރަކު އެކްސްޕޯޓްކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރަށް ޕިސްޓާޗިއޯ އެކްސްޕޯޓްކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement