އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމާ ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތު އަންނަ ޖެނުއަރީ 20 ގައި އޮންނާނެ އެވެ.
މި ރަސްމިއްޔާތަށް ދުނިޔޭގެ ބައްރުތަކުން ގައުމުތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުން އަދި މަޝްހޫރު ފަންނާނުން ބައިވެރިވާނެ އެވެ.
މި އަހަރު ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮތް ރިޔާސީ އިންތިހާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކުރެއްވުމަށްފަހު ރަސްމީ ހައިސިއްޔަތުން އިއްޔެ -- ހޯމަ ދުވަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދެއްވި ބޭފުޅުންނާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރި އެވެ.
އެގޮތުން ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ދައުވަތު ދެއްވިތޯ ސުވާލުކުރުމުން ވިދާޅުވީ ނުދެއްވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ޒެލެންސްކީއަށް ދައުވަތު ނުދެއްވި ނަމަވެސް އޭނާ ވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށެވެ.
މި ރަސްމިއްޔާތަށް ދައުވަތު ދެއްވި ލީޑަރުންގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ހިމެނެ އެވެ. މިއީ ސިޔާސީ މުފައްކިރުން ދެކެވަޑައިގަންނަވާ ގޮތުގައި ޓްރަމްޕް ވަރަށް މޮޅަށް ކުޅުއްވި ކުޅިއެކެވެ.
ނަމަވެސް ޝީ ޖިންޕިން ދައުވަތު ގަބޫލުކުރެއްވިކަން އަދި ކަށަވަރެއް ނުވެ އެވެ. ގަބޫލުކުރައްވައިފިނަމަ، މާނަ އަކީ އެމެރިކާއާ އެކު ބިނާކުރަނިވި މަޝްވަރާތަކަކަށް ޗައިނާ ހުޅުވިފައި އޮތްކަން ކަމަށް މާހިރުން ވިދާޅުވެ އެވެ.
ޝީ ޖިންޕިން ވަޑައިނުގަތް ނަަމަވެސް ވޮޝިންޓަންގައި ހުންނަވާ ޗައިނާގެ ސަފީރާއި އަނބިކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެ އެވެ. އަދި އެހެން ގައުމުތަކުގެ ސަފީރުން ވެސް ވަޑައިގަންނަވާނެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ދައުވަތު ދެއްވިތޯ -- ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފްއާ ސުވާލުކުރުމުން ވިދާޅުވީ އެ ކަހަލަ ލިޔުމެއް ރިޔާސީ ގަނޑުވަރަށް ލިބިފައި ނުވާ ކަމަށެވެ.
ރަޝިއާ - ޔުކްރޭންގެ މަސްލަހަތު މިހާރު އޮތް ގޮތުން ޓްރަމްޕްގެ ޓީމުން މި ދެ ގައުމުގެ ވެރިންނަށް ދައުވަތު ނުދެއްވީ މަސްލަހަތަށްޓަކައި ކަމަށް ބެލެވެ އެވެ. ވަކި ލީޑަރަކަށް ދައުވަތު ދެއްވައި އަދި ވަކި ލީޑަރަކަށް ދައުވަތު ނުދެއްވުމަކީ ޔުކްރޭންގެ ސުލްހައިގެ ވާހަކަަތަކަށް ފުސްބުރާނެ ކަމެއްކަން ހަފްލާ އިންތިޒާމު ކުރާ އޮފިޝަލުންނަށް އެނގެ އެވެ.