ބައިނަލްއަގްވާމީ މަސްލަހަތަށްޓަކައި ރަޝިއާ އަދި ޗައިނާއާ އެކު ގުޅުން ދެމެހެއްޓުމަކީ އީރާނަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ.
އައްބާސް ވިދާޅުވީ މި ސަބަބަށްޓަކައި އީރާނާއި، ޗައިނާ އަދި ރަޝިއާ އެކުގައި މަސައްކަތްކުރުން ލާޒިމު ކަމަށެވެ.
ދުނިޔެއަށް ނަތީޖާ ނެރެދިނުމަށް މި ތިން ގައުމުން އެކައްޗެއް ކިޔުމަކީ ދުނިޔެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) އަދި ބްރިކްސްގައި އީރާން ބައިވެރިވީ ޗައިނާ އަދި ރަޝިއާއާ ގުޅުން ބަދަހިކުރުމުގެ ވިސްނުމުގައި ކަމަށެވެ. މި ތިން ގައުމު އެކުގައި ބާއްވާ އަސްކަރީ ފަރިތަކުރުންތަކަކީވެސް އެކުވެރިކަމުގެ މިސާލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އައްބާސް ވިދާޅުވީ ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން ރަޝިއާއާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ އީރާނަށް ނިވާފަތްގަނޑަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދުނިޔެ އޮތީ ގޮންޖުހުން ގިނަ މިސްރާބަކަށް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ. ރަޝިއާގެ އާރްޓީ ހަބަރު ނެޓްވޯކަށް ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ދުޝްމަނުންގެ ވަކިތަކުން ހިމާޔަތްވުމަށް ޗައިނާއާއި ރަޝީއާ އަކީ އީރާންގެ އިޚުތިޔާރު ކަމަށެވެ.
އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ މަޝްރޫއާ މެދު ވަކި ބަޔަކު ކަންބޮޑުވި ނަމަވެސް ގޮތެއް ނިންމުމުގައި ޗައިނާ އާއި ރަޝިއާ އަކީ އީރާނަށް އޮތް ހިތްވަރެއް ކަމަށެވެ. އީރާން އަކީ ފަނާކުރަނިވި ގައުމެއް ނޫން ކަމަށާއި އެކުވެރި ދައުލަތްތަކާ އެކު ބިނާކުރަނިވި މަޝްވަރާތަކަށް ތައްޔާރު ކަމަށްވެސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އީރާނާއި ޗައިނާ އަދި ރަޝިއާ އަކީ ނުފޫޒުގަދަ ގައުމުތަކުން އެއް ފުރޭންޏަކުން ފުރާނާފައި އޮތް ތިން ގައުމު ކަމަށެވެ. އެމެރިކާ އާއި ހުޅަނގުގެ ބާރުގަދަ ގައުމުތަކުން މި ތިން ގައުމަށް ދަތިކޮށްފައި އޮތް އޮތުމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.