ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހްސާންގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރާ ސިސްޓަމް ކަމަށާއި އާ ސިސްޓަމެއް ހޯދުމުގެ މަސައްކަތް ކުރަނިކޮށް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުނި ރަމްޒުކުރާ ލޯ ފާމަކުން "ލާސްޓް އެންޑް ފައިނަލް ނޯޓިސް" ގެ ނަމުގައި ސިޓީއެއް ސަރުކާރަށް ލިބުނު ކަމަށެވެ.
ރައީސް އޮފީހާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް އެ ސިޓީ ފޮނުވީ ޑިސެމްބަރު 24، 2023 ގައި ކަމަށާއި މިދިޔަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އެ ސިޓީ ލިބުނު ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.
"މި ދެންނެވި ސިޓީގައި އެ ކުންފުނީގެ ފަރާތުން 13.7 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށް އޭރުވެސް އޮތީ ބަޔާންކޮށްފަ،" އިހްސާން ވިދާޅުވި އެވެ.
މި މައްސަލައިގެ ލިޔެކިޔުންތައް ބެލިއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން މި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ. އިހްސާން ވަނީ އޭރުގެ ބައެއް ލިޔުންތައްވެސް މަޖިލީހުގެ ތަޅުމުގައި ހާމަކުރައްވާފަ އެވެ.
"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފަ ގޮއްސަ މިދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރު ތެރޭގައި މި މައްސަލައަށް އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީވެ (ގާނޫނުލްއުގޫބާތުގެ) 517 ވަނަ މާއްދާގައި އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" އިހްސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ މިހާރު ހުރި އެކްސްޕެޓް ސިސްޓަމްގައި ފަންގްޝަން ހުރި ގޮތުން ރާއްޖޭގައި ބިދޭސީން އުޅޭ އަދަދާއި ބިދޭސީންނާ ގުޅޭ ފައިސާ ހޯދުމުގައި ދަތި އެބަހުރި ކަމަށެވެ. އެހެންކަމުން ބިދޭސީންނާ ގުޅޭ ފީތަކުގެ ގޮތުގައި ރަނގަޅު އަހަރެއްގައި ލިބެނީ 770 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ ފައިސާވެސް ނުހޯދޭ ކަމަށެވެ.
އާ ސިސްޓަމާއެކު އެ އަދަދު 1.3 ބިލިއަން އިތުރުކުރެވޭނެ ކަމަށާއި އާ ސިސްޓަމް ބޭނުންކުރަން ނިންމީ އެހެންވެ ކަމަށް އިހްސާން ވިދާޅުވި އެވެ.