ކުށްކުރުން

މީހެއްގެ އިނގިލި ބުރިކުރަން އުޅުނު ގްރޫޕުގެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކޮށް އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހިމެނޭ މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ހިޔާ ފްލެޓެއްގައި މީގެ ދުވަސްކޮޅެއް ކުރިން މީހަކު ރަހީނުކޮށް އިނގިލި ބުރިކުރަން އުޅުނު ގްރޫޕުގައި 12 މީހުން ހިމެނެ އެވެ.

އޭގެތެރެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ ހިޔަލީގުލްޝަން އިބްރާހީމް ނަޝީދު އެވެ.

މި ފަހަރު އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ވަނީ ދީފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޝީދު ހައްޔަރުކޮށްފައިވާއިރު މި ގްރޫޕުގައި ހިމެނޭ މ. ކޮޅުފުށީ، އާރެސް، ހަސަން ގާލިބް ވަނީ މީގެ ކުރިން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެެރޭގައި ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރުކުރުމަށްފަހު ނަޝީދާއި ގާލިބް ތިބީ ދޫކޮށްލާފަ އެވެ. ނަމަވެސް އެ ގުރޫޕްގައި ހިމެނޭ މީހުންނަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.

ފުލުހުން އެ 12 މީހުން ހައްޔަރުކުރީ އެ މީހުން ހިޔާ ފްލެޓް އެޗް9ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓު ތެރޭ މީހަކު ރަހީނުކޮށް ބޯ ބޭލުމަށްފަހު، އެ މީހާގެ އިނގިލި ބުރިކޮށްލަން ތައްޔާރުވަމުން ދަނިކޮށެވެ.