ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމީ އެ ކޮމިޝަނާއި އޭސީސީ އިން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެންނެވެ.
މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ ސަރުކާރަށް ބޮޑު ތުހުމަތެއްކޮށް ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ އޭސީސީ އާއި ޖޭއެސްސީ އިން ކުއްލިއަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ޝަރުތުތަކެއް ގާނޫނުއަސާސީގައި ހިމެނުމަށް ވެރިކަން ކުރާ ޕީއެންސީގެ ސާފު މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމުމާ ގުޅިގެން އެ ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމުމާ ގުޅިގެންނެވެ.
ފަނޑިޔާރުންގެ އެ ނިންމުމަށް އިޝާރާތްކޮށް އެމްޑީޕީގެ ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީ އާއި އޭސީސީ މެދުވެރިކޮށް ބަލަމުން ދަނީ އެއްވެސް އަސާސެއް ނެތި އެ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުމަށް ކަމަށެވެ. އެގޮތަށް ނުފޫޒު ފޯރުވުމަކީ ނުހަނު ބޮޑު ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައިވަނީ ވެސް ރައީސް މުއިއްޒުގެ އެންގެވުމަށް އެ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުމުގެ ބޭނުމުގައި، ނުފޫޒު ފޯރުވުމަށް ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
"އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެމަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާ ހިލާފު ކަމެއްކަން ހަނދާންކޮށްދިނުމާ އެކު އެމްޑީޕީން ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ އެންމެހައި އިދާރާތަކަށް ގޮވާލާފަ އެވެ.
"ދައުލަތުގެ ތިން ބާރުވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.