ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ދުވަހުގެ މުނާސަބަތުގައި ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރާ މުޅި އާއިލާއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
"ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން. ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެެއްގެ އޭޕްރިލް 18 ވަނަ ދުވަހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި މީގެކުރީގެ ރައީސަކު އަޅުއްވާފައި ނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ.
އެގޮތުން ރާއްޖެއަށް ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުމާއި، ވަކި އުމުރަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަންދު ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލުން ހިމެނެ އެވެ.