ދުނިޔެ

ނިއުކްލިއާ މަޝްވަރާތަކަށް އީރާންގެ ވެރިން އިޓަލީގެ ވެެރިރަށް ރޯމަށް

އެމެރިކާ އާއި އީރާންއާ ދެމެދު މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވާތަކުގެ ދެވަނަ ބުރަށް އިރާންގެ ވެރިން އިޓަލީގެ ވެރިރަށް ރޯމަށް ވަޑައިގެންފިި އެވެ، މި ވަފުދުގެ ވެރިއެއް ގޮތުގައި ވަޑައިގަތީ އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާކުރަނީ ތިން ވަނަ ފަރާތެއް މެދުވެރިކޮށެވެ. އެއީ އޮމާން އެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބުރު އޮތީ ވެސް އޮމާންގަ އެވެ.

އެމެރިކާގެ ފަރާތުން މަޝްވަރާތަކުގެ ވެރިއަކަށް ހުންނަވާނީ ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މެދުއިރުމައްޗަށް ހަމަޖައްސާފައިވާ ސަފީރު ސްޓީވް ވިޓްކޯފް އެވެ.

އީރާންއާ އެމެރިކާއާ ދެމެދު މަޝްވަރާކުރެވެނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމާ ބެހޭ ގޮތުންނެވެ. އެމެރިކާ ތުހުމަތުކުރާ ގޮތުން އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރަނީ އަސްކަރީ ފެންވަރަށެވެ. އެއީ ނިއުކްލިއާ ބޮން އުފެއްދުމަށް ކަމަށް އެމެރިކާ ބުނެވެ.

ނަމަވެސް، އީރާނުން ބުނާ ގޮތުން އެ ގައުމުން ނިއުކްލިއާ މާއްދާތައް ބޭނުންކުރަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއާ އިންޖީނުގެތައް ހިންގުމަށެވެ. އީރާނަށް ބޭނުންވާ ހަކަތަ އުފެއްދުން ނޫން ވިސްނުމެއް، މި މަޝްރޫއުގައި ނެތް ކަމަށް އީރާނުން ބުނެ އެވެ.

އެމެރިކާއާ އެކު ނިއުކްލިއާ މަޝްވަރާތަކަށް އެއްބަސްވި ނަމަވެސް، އީރާން އޮތީ ނިއުކްލިއާ މަޝްރޫއުތައް ހުއްޓާލާ ގޮތަށް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އަދި ނިއުކްލިއާ މުއްސަނދިކުން މަނާކުރާ މުއާހަދާއެއްގައި ސޮއިނުކުރާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުން، ނިއުކްލިއާ މުއްސަނދިކުރުމުގައި އީރާން ދެމިއޮތުމަށް އިޚުތިޔާރުކޮށްފި ނަމަ، އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަސްކަރީ ހަމަލާދިނުން ނޫން އިޚުތިޔާރެއް ނޯންނާނެ އެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމަށް އެއްވެސް ފުރުސަތެއް ނުދެވެނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.