މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅުނު މެޗުން، ސިޓީ ފްރެންޑްސް ކުލަބު މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު ސިޓީ ފްރެންޑްސް އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު ގުޑް ގޭމްސް އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ގުޑް ގޭމްސް އިން ކާމިޔާބު ކޮށްފައި ވަނީ 25-19 އިންނެވެ. ނަމަވެސް 20-25 އިން ދެ ވަނަ ސެޓި ކާމިޔާބުކޮށް ސިޓީ ފްރްންޑްސް އިން ވަނީ ސެޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ސިޓީ ފްރެންޑްސް އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ތިން ވަނަ ސެޓު 17-25 އަދި ހަތަރު ވަނަ ސެޓު 18-25 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީ ފްރެންޑްސްގެ ބިދޭސީ ކުޅުންތެރިޔާ ޖުލާލަކް އެވެ.
ޤައުމީ ވޮލީ ބޯޅަ ލީގު ކުރިއަށް ދަނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމުގެ ދެމެދުގަ އެވެ.