މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ކުލަބު ވެމްކޯ އިން ކުޅުނު ދެ ވަނަ މެޗުގައި، ފްލެކްސާ އަތުން ބަލިވެއްޖެ އެވެ.
ލީގުގައި ވެމްކޯގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ހުރާ ކޮމިއުނިޓީ ކުލަބު އަތުން ތިން ސެޓު އެއް ސެޓުން މޮޅުވެފަ އެވެ.
ދެ ވަނަ މެޗުގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ރޭ ފްލެކްސާއާ ދެކޮޅަށް ކުޅުނު މެޗުން ވެމްކޯ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކޮށްފައި ވަނީ ފެލްކްސާ އިންނެވެ. މެޗުގެ ފުރަތަމަ ސެޓާއި ދެ ވަނަ ސެޓު ވެސް ފްލެކްސާ އިން ކާމިޔާބު ކޮށްފައި ވަނީ 25-18 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު ތިން ވަނަ ސެޓުގައި ވެމްކޯ އިން ވަނީ 25-27 އިން ކުރި ހޯދައި، އުންމީދެއް ހޯދައިފަ އެވެ. ނަމަވެސް ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކޮށް، ފްލެކްސާ އިން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 25-22 އިންނެވެ.
ވެމްކޯ އިން ވަނީ އެންމެ ފަހުން ކުރިއަށް ދިޔަ އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ސެމީ ފައިނަލްގައި ޕޮލިސް ކުލަބު އަތުން ބަލިވި ނަމަވެސް، ފައިނަލްގައި ޕޮލިސް ބަލިކޮށް ވެމްކޯ އިން ވަނީ ފަސް ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފަ އެވެ.