ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 11:38
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ޕެންޝަން އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުން ހާޒިރުކުރުން - 21.04.2025
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ޕެންޝަން އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުން ހާޒިރުކުރުން - 21.04.2025
ރާއްޖެއެމްވީ
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
ރިޓަޔަރމެންޓް ސްކީމްގައި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހަމަހަމަކަން ނެތުމަކީ ވެސް މައްސަލަ އެއް ކަމަށް ނާސިހު ވިދާޅުވި
ވަރަށް ގިނަ ދުވަހު ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ފަހު މިނިވަން މުއައްސަސާ އަކަށް ގޮސްފި ކަމަށް ވާނަމަ ރިޓަޔަރކުރުމުން ދެން އެ މީހާ ރިޓަޔަރ ކުރަން ޖެހެނީ ހުސް އަތާ ކަމަށް ނާސިހު ވިދާޅުވި

 ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވެސް ހަމަހަމަ ކަމެއް ނެތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކުގައި ގިނަ ދުވަހު ޚިދުމަތް ކުރުމަށް ފަހު މިނިވަން މުއައްސަސާ އަކަށް ގޮސްފި ނަމަ ދެން އޭނާ ރިޓަޔަރ ވާން ޖެހެނީ ހުސް އަތާ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން އޭނާ ވަނީ އެ ކޮމިޓީގައި ހިއްސާކުރައްވާފައެވެ.

ސިވިލް ސަރވިސް ޤާނޫނު ބުނާ ގޮތުން 55 އަހަރުވުމުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަމިއްލަ އަށް އެދިގެން ރިޓަޔަރކުރެވިދާނެއެވެ. އަދި އެ ޤާނޫނު ބުނާ ގޮތުން 65 އަހަރު ވުމުން ވަޒީފާ އިން ރިޓަޔަރކުރުމަށް ލާޒިމުވެއެވެ. އެގޮތަށް އުސޫލު އެކުލަވާލާފާއި ވަނީ ޕެންޝަން ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ.

ޕެންޝަނާއި ބެހޭ ޤާނޫނަށް އަމަލުކުރަން ފެށުމާއި އެކު އެކަމާއި ގުޅޭ ސިޓީ އެއް މަޖިލީހަށް ވެސް ފޮނުވާފައި ވާނެ ކަމަށާއި 2010ގައި މަޖިލީހުން އެ ސިޓީގެ ޖަވާބުގައި އޭރު ރިޓަޔަރމެންޓާއި ގުޅޭ ޤާނޫނެއް ނެތްކަން ފާހަގަކޮށްފައިވާ ކަމަށް ނާސިލް ވިދާޅުވިއެވެ. އަމިއްލަ އަށް ރިޓަޔަރ ކުރާ ނަމަ މުވައްޒަފުންނަށް ލިބެނީ މަހުން މަހަށް ލިބޭ އިނާޔަތް އެކަންޏެވެ. 65 އަހަރުވުމުން ރިޓަޔަރ ކުރާ ނަމަ މަހުން މަހަށް ލިބޭ ފައިސާގެ އިތުރުން ގަނޑުކޮށް ލިބޭ އިނާޔަތް ވެސް ލިބެއެވެ.

ނާސިހު ވިދާޅުވީ މިހާތަނަށް ރިޓަޔަރ ކުރި ގޮތުގެ ތަފާސްހިސާބުތަކަށް ބަލާ ނަމަ 2008 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5336 މުވައްޒަފުން ރިޓަޔަރކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 1612 މީހުންނަކީ 55 އަހަރު ވުމުން ރިޓަޔަރ ކުރި މީހުންނެވެ. އަދި 65 އަހަރުވުމުން ރިޓަޔަރ ކުރި މީހުންގެ އަދަދަކީ 3724 މުވައްޒަފުންނެވެ. މީގެ އިތުރުން ސިވިލް ސަރވިސް އިން އަމަލުކުރާ އުސޫލާއި އެއްގޮތަށް އެހެން އިދާރާތަކުން ވެސް އެފަދަ އުސޫލުތައް އެކުލަވާލާފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާއި ބެހޭ ޤާނޫނަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނާސިހު ވިދާޅުވިއެވެ. އަދި ރިޓަޔަރމެންޓާއި ގުޅޭ އުސޫލުތަކުގެ ކޮންޓްރޯލް ނުވަތަ ފަހު ބަސް ބުނާ ބަޔަކީ ޕެންޝަން އޮފީހަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޓަޔަރމެންޓްގެ ކަންކަމާއި މެދު ހުރި އުސޫލުތައް އެކުލަވާލާ މޮނިޓަރކުރުމުގައި ފަސޭހަ ވާނީ އޭރުން ކަމަށް ނާސިހު ވަނީ ފާހަގަކުރައްވާފައެވެ.

ރިޓަޔަރމެންޓް ސްކީމްގައި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހަމަހަމަކަން ނެތުމަކީ ވެސް މައްސަލަ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވަރަށް ގިނަ ދުވަހު ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ފަހު މިނިވަން މުއައްސަސާ އަކަށް ގޮސްފި ކަމަށް ވާނަމަ ރިޓަޔަރކުރުމުން ދެން އެ މީހާ ރިޓަޔަރ ކުރަން ޖެހެނީ ހުސް އަތާ ކަމަށް ނާސިހު ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް މެމްބަރުންނަށް އެ އުސޫލު ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުއައްސަސާތަކާއި އިދާރތަކުގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލަން ޖެހޭ ކަމަށް ނާސިހު ވަނީ ވިދާޅުވެފައެވެ.

ނާސިހު އެފަދައިން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ މިނިވަން މުއައްސާތަކާއި އެހެން މުއައްސަސާތަކާއި ރިޓަޔަރކުރާ އިރު ތަފާތުތަކެއް ހުރުމުން އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ. އެކަން މަޖިލީހުގެ ސަމާލުަކަމަށް އައިސްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް ބޭފުޅުން ރިޓަޔަރ ކުރެއްވި އިރު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނާޒިމް ވަނީ ޕެންޝަން އޮފީހުގެ ބެލުމުގެ ދަށަށް ރިޓަޔަރމެންޓްގެ ކަންކަން ދިއުމުން އެ މައްސަލަ އަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ޤާނޫނުތަކަށް ބަދަލު ގެންނަ އިރު އެކަމަށް ހައްލު ގެންނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ސީއެސްސީ އާއި ޕެންޝަން އޮފީސް މަޝްވަރާކޮށްގެން ސިވިލް ސަރވިސް މުވައްޒަފުންނަށް މިހާރަށް ވުރެ ފަހިވާނެ ގޮތަށް އެކުގައި މަސައްކަތްކޮށްގެން މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ނާޒިމް ވަނީ އެދިލައްވާފައެވެ.

- ކޮމެންޓް