ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 11:42
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ޕެންޝަން އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުން ހާޒިރުކުރުން - 21.04.2025
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ޕެންޝަން އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުން ހާޒިރުކުރުން - 21.04.2025
ރާއްޖެއެމްވީ
ޕެންޝަނާއި އިނާޔަތްތައް
މިހާރު ދެމުންދާ އިނާޔަތްތައް މިހާރު ހުރި މިންވަރުގައި ދެމެހެއްޓިދާނެ ކަމާއި މެދު ސުވާލު އުފެދޭ - ސުޖާތާ
ބައެއް މަޤާމުތައް އަދާކުރައްވާ ބޭފުޅުންނަށް ފައިސާ ދިނުމުގައި އެއްހަމަ ކަމެއް ނެތް ކަމަށް ސުޖާތާ ވިދާޅުވި
މިހާރު ހުރި މިންވަރުގައި އިނާޔަތްތައް ހިފަހައްޓަން އުދަނގޫ ކަމަށާއި އެހެންވެއްޖެއްޔާ އެއީ ހައްލު ހޯދަން ޖެހޭ މައްސަލަ އެއް ކަމަށް އޭނާ ވިދާޅުވި

ދައުލަތުން ދޭ އިނާޔަތްތަކާއި، ފައިސާ މިހާރު ހުރި މިންވަރުގައި ވެސް ދެމެހެއްޓިދާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހޯމަ ދުވަހު ވާހަކަދައްކަވަމުންނެވެ. ދައުލަތުގެ ބައެއް މަޤާމުތައް އަދާކުރައްވާ ބޭފުޅުންނަށް ފައިސާ ދިނުމުގައި އެއްހަމަ ކަމެއް ނެތް ކަމަށާއި ޚަރަދު ބޮޑުވެގެން ދިއުމަކީ ޕެންޝަން އޮފީހުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ސުޖާތާ ވިދާޅުވިއެވެ.

ޕެންޝަންގެ ނިޒާމާއި މެދު ވާހަކަދައްކަމުން، ރަނގަޅު ކަންތަކެއް މިހާރު ވެސް ނިޒާމްގައި ހުރި ކަމަށް ސުޖާތާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއް ވަޒީފާ އިން އަނެއް ވަޒީފާ އަށް ބަދަލުވާ އިރު ފަސޭހަކަމާއި އެކު އުނދަނގުލެއް ނެތި ޕެންޝަން ނިޒާމްގެ ތެރެއިން ޕެންޝަން ނިޒާމަށް ފައިސާ ކޮންޓްރިބިއުޓް ކުރެވޭނެ މަގު ފަހިކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕެންޝަން އޮފީހަކީ ޕެންޝަން ޤާނޫނު ތަންފީޒްކުރަން އޮންނަ ތަނަކަށް ވާއިރު ދިމާވާ ގޮންޖެހުންތަކެއް ވެސް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އިނާޔަތްތަކުގެ ނަމުގައި ބައެއް މީހުންނަށް ފައިސާ ލިބޭނެ ކަން އެނގުމަކީ ޕެންޝަން އަށް ކޮންޓްރިބިއުޓްކުރަން ބޭނުން ނުވުމަށް މަގުފަހިވާ ކަމެއް ކަމަށާއި އެއީ އެ އިދާރާ އަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޝަން ޤާނޫނުގެ ބޭރުން ދޭ އިނާޔަތްތައް ދިނުމުގައި ހަރުދަނާ އުސޫލެއް ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޕެންޝަންގެ ގޮތުގައި އާއި އިނާޔަތުގެ ގޮތުގައި ޓެކްސް ދައްކާ މީހުންގެ ފައިސާ ޚަރަދު ކުރާ އިރު އެ ފައިސާ ހޭދަ ކުރާ ގޮތުގެ ހަމަހަމަކަމާއި މެދު ސުވާލު އުފެދޭ ކަމަށް ސުޖާތާ ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް މަހެއްގެ މައްޗަށް 100 މިލިއަން ރުފިޔާ އަސާސީ ޕެންޝަނުގެ ގޮތުގައި ހޭދަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމަށް ވާއިރު، މިހާރު ހުރި މިންވަރުގައި އިނާޔަތްތައް ބެހެއްޓިއަސް، ރާއްޖޭގައި އާބާދީ އޮތް ގޮތުން 2030 ވަނަ އަހަރު އަންނަން ވާ އިރަށް ވަރަށް ބޮޑުތަނުން ޚަރަދު ބޮޑުވާނެ ކަމަށް ސުޖާތާ ވިދާޅުވިއެވެ. 2030ގެ ނިޔަލަށް 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް އާބާދީގެ ނިސްބަތުން ބަލާ ނަމަ 4% އިން 7% އަށް އުފުލޭނެ ކަމަށް ސުޖާތާ ވިދާޅުވިއެވެ.

މިހާރު ހުރި މިންވަރުގައި އިނާޔަތްތައް ނުބެހެއްޓޭނެކަން ޤަބޫލުކުރަން ވާނެ ކަމަށާއި އެ އިނާޔަތްތަކަކީ އެއީ ދިރިއުޅުމުގެ ހާލަތަށް ބެލުމަށް ފަހު ރިވިއު ކުރާނެ ހާލަތުތަކެއް ކަމަށް ސުޖާތާ ވަނީ ވިދާޅުވެފައެވެ. މިހާރު ހުރި މިންވަރުގައި އިނާޔަތްތައް ހިފަހައްޓަން އުދަނގޫ ކަމަށާއި އެހެންވެއްޖެއްޔާ އެއީ ހައްލު ހޯދަން ޖެހޭ މައްސަލަ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް