ހުޅުމާލެއިން ބިމެއް ވިއްކާނެ ކަމަށް ބުނެ މީހަކު އަތުން ފަސްލައްކަ ރުފިޔާ ނެގި މައްސަލައެއް، ދައުވާކޮށް ދޭން އެދިއްޖެ
ހުޅުމާލެ އިން ބިމެއް ވިއްކާނެ ކަމަށް ބުނެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީސީ) ގެ މުވައްޒިފަކު, މީހަކު އަތުން ފައިސާ ނެގި މައްސަލާ ގައި ދައުވާކޮށްދޭން އެދިއްޖެ އެވެ.
އޭސީސީން ވަނީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށް ދޭން އެދި މިއަދު ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ.
އޭސީސީން ބުނީ މި މައްސަލާގައި ދައުވާކޮށް ދިނުމަށް އެދިފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިންހުރި މ.ސީވިންޑް، ފުތިހަ ޝާކިރު ގެ މައްޗަށް ކަމަށެވެ.
އޭނާ ވަނީ, ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން 550,000.00 ރުފިޔާ ނަގާފައެވެ.
ފުތިހަ ވަނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، 550,000.00 ރުފިޔާ އެ މީހާގެ އަތުން ހޯދާފައި ކަމަށާ އެކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ
އޭނާގެ މައްޗަށް ދައުވާކޮށް ދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގަ އެވެ. އަދި އޭނާ ހޯދި 550,000.00 ރުފިޔާ އެ ދައުވާގެ ތެރެއިން ހޯދުމަށް ވެސް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists