Advertisement

ޖިނާޢީ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ”ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް“ ހުށަހަޅައިފި؛ ކުށްވެރިޔާ އުމުރަށް ޖަލަށް

ޕީޖީ އޮފީސް: ފޮޓޯ/ ސަން

ދިވެހިރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުޞަތު ދީފިއެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.

މި ފުރުސަތު ދީފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައެވެ. 

Advertisement

އެގޮތުން، ކުޑަކުއްޖެއްގެ ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް (10 އަހަރު ދުވަސް ވަންދެން) އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 (ފަންސާސް ހަތަރެއް) އަހަރަށް ޖަލަށްލުމަށް 21 އެޕްރީލް 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވެއެވެ. 

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައެވެ. އަދި މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ.

ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޕީޖީ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުން ކަމަށް އެ އޮފީހުން ބުނެއެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެކެވެ

މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދީފައުވާތީ އެކަމަށް އެ އޮފީހުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement