އުފާވެރި ބައްދަލްވުމެެއް: މަދީނާގެ ފުރަތަމަ ދިވެހި ދަރިވަރާއި ނަބަވީގެ އިމާމުގެ ބައްދަލްވުމެއް
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މަދީނާ އިސްލާމީ ޔުނިވާސިޓީން ތައުލީމް ހާސިލު ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާއީލް މުހައްމަދާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ބައްދަލްވުމުގެ ފޮޓޯތައް އާންމު ކުރައްވާފަ އެވެ. މިއީ މަދީނާގެ ފުރަތަމަ ދިވެހި ދަރިވަރަށް ލިބުނު އާދަޔާ ހިލާފު ބޮޑު އުފަލެއްކަން ބައްދަލްވުމުގެ ފޮޓޯތަކުން ހާމަވެ އެވެ.
މަދީނާގެ ފުރަތަމަ ދިވެހި ދަރިވަރާއި ނަބަވީގެ އިމާމުގެ ބައްދަލްވުން -- ފޮޓޯ: މިނިސްޓްރީ
މި ބައްދަލްވުމުގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާާފައިވަނީ ޝެއިހް އިސްމާއީލަށެވެ.
ޝެއިހަށް މި ޝަރަފުއެރުވީ އިސްލާމީ އިލްމު ފެތުރުއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ޝެއިހަށް މި ޝަރަފު އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން އިން އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.
ޝެއިޚް އިސްމާއީލަކީ ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެކެވެ. އެއީ އެތައް ޢިލްމުވެރިންނެއް އުފެއްދެވި ހިތްވަރު ގަދަ ލީޑަރެކެވެ.
ޝެއިޚް އިސްމާއީލަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވައި ނިންމި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ޝައިޚު އިބްނު ބާޒްގެ ދަރިވަރެކެވެ. ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ވަރަށް ގިނަ ޢިލްމީ ފޮތްތައް ލިޔުއްވާފައިވެ އެވެ.
އެކިއެކި މައުލޫތަކަށް ވަރަށް ޢިލްމީ ދަރުސްތައް ދެއްވާފައިވެ އެވެ.
މަދީނާގެ ފުރަތަމަ ދިވެހި ދަރިވަރާއި ނަބަވީގެ އިމާމުގެ ބައްދަލްވުން -- ފޮޓޯ: މިނިސްޓްރީ
ޝައިޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އިލްމުވެރީން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އިބްން ބާޒުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި 27 އަހަރު ޕާކިސްތާނުގައި ތައުލީމް ދެއްވަން ހުންނެވި އެވެ.
އެ ފުރުސަތުގެ ބޭނުން ހިއްޕަވާ ދިވެހި ދަރިވަރުން އެ ގައުމަށް ގެންދަވާ ޢިލްމު އުނގެނުމުގެ ފުރުސަތު ދެއްވި އެވެ. ރާއްޖޭގެ ދަޢުވަތުގެ މައިދާނުން މިއަދު ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުންނަކީ ޝެއިޚްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެފަދަ އެތައް ބޭފުޅުންނެއްގެ ބެލެނިވެރިއެއް ކަމުގައި ވެވަޑައިގެން ޢިލްމީ ދަތުރުގައި ކުރިއަށް ވަޑައިގަތުމުގެ ފުުރުސަތު ދެއްވި އެވެ.
ދ. މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިސްމާއީލް, ތަޢުލީމީ ހަޔާތަށް ފަހު ރާއްޖެ ވަޑައިގެން ޠައިބާ ސުކޫލު ބިނާކުރެއްވި އެވެ. ދިވެހީންނަށް ދީނީ ތަޢުލީމު ފޯރުކޮށް ދިނުމުގައި އެ ސުކޫލު އަދާކޮށްފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ދައުރެކެވެ.
ދީނީ ޢިލްމުވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަކީ ވެސް އެ ސުކޫލުގެ މުދައްރިސެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists