އަންހެނަކު ފުރާޅުމައްޗަށް ވެއްޓުން: ދެ މީހުން ތިބީ މަސްތުގެ ހާލުގައި، ނޫސްވެރީންނަށް ވީޑިއޯ ދައްކާ މައުލޫމާތު ދީފި
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށް އެ ހާދިސާއާ ގުޅޭ ބައެއް މަންޒަރުތައް މިރޭ ނޫސްވެރީންނަށް ދައްކާލައިފި އެވެ.
ނޫސްވެރީންނަށް މި މައުލޫމާތު ހިއްސާކޮށް ހާދިސާގެ ބައެއް މަންޒަރުތައް ހިއްސާކުރީ އިސްކަންދަރު ކޮށީގައި މިރޭ އޮތް ބައްދަލްވުމެއްގަ އެވެ. މި ބައްދަލްވުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ފިރިހެން މީހާ ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގީ އެރޭ ދަންވަރު 4:30 އާއި 5:00 އާ ދެމެދު އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ.
މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ އެ އަންހެން މީހާގެ ނަން ވެސް ހާމަކޮށްފަ އެވެ. އަންހެން މީހާގެ ނަމަކީ ހައްވާ ޔުމްނާ އެވެ.
އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮތްކަން ފުލުހަށް ރިޕޯޓް ކުރީ އާންމުންގެ މީހެކެވެ. އެ ރިޕޯޓް ލިބިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ. އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު އަންހެން މީހާ ނެގިއިރު ވެސް ހަރަކާތް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
އެއީ ކާކުކަން ދެނެގަތީ ފޭސް ރެކޮގްނިޝަން މެދުވެރިކޮށެވެ. ފުލުހަށް ހާދިސާގެ ރިޕޯޓް ލިބުނުތާ 30-45 މިނެޓާ ދެމެދު އެއީ ކާކުކަން ދެނެގެންފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ވެއްޓުނު އަންހެންމީހާއާ އޭނާއާއެކު އުޅުނު ފިރިހެން މީހާ އެ ރޭ ތިން ގެއަކަށް ވަނެ އެވެ. ފުރަތަމަ ގެއަށް ވަތް ގަޑި ސާފެއް ނުވެ އެވެ. ނަމަވެސް އެ މީހުން އެ ގެއިން ނިކުމެފައި ވަނީ އެ ރޭ 12:30 ވަގުތެއްގަ އެވެ. އެއީ މާލޭގެ މެދުގައި ހުރި ގެއެކެވެ. ގޭގެ ނަމެއް ނުބުނެ އެވެ.
އެގެއަށް މި ދެ މީހުން ހިމެނޭހެން ޖުމްލަ 8 މީހަކު ގޮސްފައިވެ އެވެ. އެއީ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އެގެއިން ނިކުތީ 3:40 ހާއިރު އެވެ.
އޭގެ ފަހުން އެ ދެ މީހުން ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ވަނީ އަމީނީމަގުގައި ހުރި އެހެން ގެއަކަށް ގޮސްފަ އެވެ. އެގެއަށް ދިޔައީ ގަޑީން 4:00 ގަ އެވެ. އެ ގޭގައި ހޭދަވީ 10 ވަރަކަށް މިނެޓެވެ.
އެ ދެ މީހުން އެ ގެއިން ނިކުމެގެން އެހެން ގެއަކަށް ގޮސްފައިވެ އެވެ. އެއީ ބުރުޒު މަގުގައި ހުރި ގެ އެކެވެ. ނަމަކީ "ހ. ފެންޓެނޮއީ" އެވެ.
އަންހެން މީހާ ވެއްޓުނު ގެ ފާހަގަ ކޮށްފައި
އެއީ އަންހެން މީހާ ވެއްޓުނު ގެ އެވެ. އެ އަންހެން މީހާ ވެއްޓުނީ “ހ. މިޓާޒް” ފުރާޅު މައްޗަށެވެ.
ފުލުހުން ވަނީ ހާދިސާއާ ގުޅޭ މުހިންމު ބައެއް ވީޑިއޯތައް މިރޭ ދައްކާލާފަ އެވެ. ގާތްގަނޑަކަށް އަށެއްކަ މިނެޓްގެ ވީޑިއޯ ދެއްކި އެވެ.
ވިޑީއޯތަކުން ފެންނަ ގޮތުގައި ދެވަނަ ގެއިން ނިކުގެން އަންހެން މީހާއާ ފިރިހެން މީހާ ތިންވަނައަށް ގެޔަށް ވަންނަނީ މެންދަމުން އަލިވެ 4:30 ހާއިރު އެވެ. އަންހެން މީހާ އެގެއަށް ދިޔައީ ހުސް ފަޔާ އެވެ. އެ މީހުން ވަތް ގޭގައި ސީސިޓީވީ ކެމެރާ ހުރެ އެވެ. އެހެން ވީމަ އެ މީހުން އެގޭތެރޭގައި ހަރަކާތްތެރިވި ހުރިހާ މަންޒަރެއް ވަނީ ރެކޯޑް ކުރެވިފައެވެ.
އެ ދެ މީހުން ވަނީ އެ ގޭގެ އެކި ފްލޯތަކަށް އަރާފަ އެވެ. އަދި ބައެއް އެޕާޓްމަންޓްތަކަށް ވަންނަން މަސައްކަތް ކޮށްފައިވެ އެވެ. އެގެއަކީ އޮޓޯ ލޮކް ކުރެވޭ ސިސްޓަމެއް ގާއިމުކޮށްފައި ހުރި ގެއެއްކަމުން އެއްވެސް އެޕާޓްމަންޓަކަށް ވަދެވޭ ގޮތް ނުވީ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ވަނީ އެ ގޭގެ ސިޑިމަތީގައި ބަދު އަހްލާގީ އަމަލުތަކެއް ހިންގާފަ އެވެ. އެ މައުލޫމާތު ހިއްސާކުރި ނަމަވެސް އެ ވީޑިއޯއެއް ނޫސްވެރިންނަކަށް ނުދައްކަ އެވެ. ވީޑިއޯގެ އެބައި އުނިކުރުމަށް ފަހު ފުލުހުން ދެން ދެއްކި ވީޑިއޯގައި އަންހެން މީހާ ހުންނަނީ ފިރިހެން މީހާ ކުރީން ލައިގެން ހުރި ޓީޝާޓް ލައިގެންނެވެ. ފިރިހެން މީހާ ހުންނަނީ ހުސްގަޔާ އެވެ.
އެ ދެ މީހުން އެގޭގެ 7،8،9 މި ތިން ފްލޯގައި އެތައް އިރަކު އުޅުނެވެ.
ފަހުން ދައްކާ ވީޑިއޯތަކުން ފެނުނީ ދެ މީހުން ވަކީން އެ ގޭގެ ތެރޭގައި އުޅޭ މަންޒަރެވެ. އަންހެން މީހާ ފިރިހެން މީހާގެ ޓީޝާޓް ލައިގެން އެ ގޭގެ އަށްވަނަ ފަންގިފިލާއަށް އެކަނި އަރާތަން ފެނެ އެވެ. އަދި އެ ފްލޯގައިވާ ދެ އެޕާޓްމަންޓްގެ ދޮރުގައި ހިފަ އެވެ. ނަމަވެސް ތަޅުލާފައި ހުރުމުން ވަދެވޭ ގޮތް ނުވި އެވެ.
އެހެން ކަމުން އެ އަންހެން މީހާ ނުވަވަނަ ފްލޯއަށް އަރަ އެވެ.
ދެން ދެއްކި ވީޑިއޯގައި ފެންނަނީ ފިރިހެން މީހާ އެވެ. ގަޑީން 4:52 މިނެޓް ހަތަރުވަނަ ސިކުންތުގައި އަޑެއް އިވެ އެވެ. އޭރު ފިރިހެން މީހާ ހުންނަނީ ހުސްގަޔާ އެވެ. އޭރު އޭނާ ހުރީ 9 ވަނަ ފަންގިފިލާގެ ސިޑީގެ މެދަކާ ހަމައިގަ އެވެ. އޭގެ 33 ސިކުންތު ފަހުން 4:52 މިނެޓް 37 ވަނަ ސިކުންތުގައި ފިރިހެން މީހާ ހަޅޭލަވާ ރޯ އަޑުއިވެ އެވެ.
މި ހާދިސާގެ އެެއްވެސް މަންޒަރުން އަންހެން މީހާ ވެއްޓުނު ގޮތެއް ސާފެއް ނުވެ އެވެ. ވެއްޓުނު މަންޒަރެއް ކެމެރާއަކަށް ނާރަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ވަދެ އުޅުނު އެގެއާ އެ ދެ މީހުން ކުރެ އެކަކާ ވެސް ގުޅުމެއް ނެތެވެ. އެ ގޭގެ އެކި ފްލޯތަކުގެ އެކި އެޕާޓްމަންޓްތަކުގައި އުޅޭ އެންމެނާ ސުވާލުކުރިއިރު ވެސް އެ ދެ މީހުންނާއި އެއްވެސް ގުޅުމެއް ނެތް ކަން ވަނީ ޔަގީން ކުރެވިފަ އެވެ.
އަދި އެކަން ފިރިހެން މީހާގެ ފަރާތުން ވެސް ވަނީ ކަށަވަރު ކޮށްފަ އެވެ.
އަންހެން މީހާއަށް ވީގޮތެއް ނޭންގުމުން ފިރިހެން މީހާ އެކި ފަންގިފިލާތަކުގައި ދެކޮޅަށް ދުވެ އެވެ. އަދި ފަހުން ބޭރަށް ނިކުމެ އަންހެން މީހާ ފެނޭތޯ ބަލަ އެވެ. މަގުމަތީން ދިޔަ ބައެއް މީހުންނާއި ސުވާލުކޮށް ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން އަންހެން މީހާއަށް ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ. ނަމަވެސް އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ފިރިހެން މީހާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އެހެން ކަމުން އޭނާއަށް ފުރުން މަނަލެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރީން ވަރަށް ސުވާލުކުރި އެވެ. އެ ސުވާލުތަކަށް ފުލުހުން ދިން ޖަވާބުން ހާމަވީ ތަހުގީގުގައި މިހާތަނަށް މި ހާދިސާގައި ހިމެނޭ މީހުން ފުރަތަމަ ދިޔަ ދެ ގެއަށް އަދި ފުލުހުންގެ ތަހުގީގު ޓީމު ނުދާ ކަމެވެ.
ފުލުހުން ބުނީ އެ ދެ ގެއަށް އަދި ނުދަނީ އެކަމުގެ ޒަރޫރަތެއް ނެތުމުން ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists