އިމްޕޯޓް ޑިއުޓީއިން ދައުލަތަށް މިއަހަރު ލިބުނު އާމްދަނީ ދަށްވީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން -- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ސަބަބުން ނޫން ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިމްޕޯޓް ޑިއުޓީ އިން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފައި ވަނިކޮށެވެ.
އެ ގޮތުން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 138.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 384.9 މިލިއަން ރުފިޔާ ލިބުނެވެ.
ވަޒީރުންނާ އާންމުން ކުރަން ބޭނުންވާ ސުވާލުކުރުމަށް ރޭ ބޭއްވި "އަހާ ފޯރަމް" ގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޗައިނާއިން އެއް ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ.
"މީގެ ސީއައިއެފް ވެލިއު އަކީ 34 މިލިޔަން ރުފިޔާ. އޭގެތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިޔަން ރުފިޔާ،" ސައީދު ވިދާޅުވި އެވެ.
އެ އަދަދަކީ ޖުމްލަ އިމްޕޯޓުގެ އެއް ޕަސެންޓްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އިމްޕޯޓް ޑިއުޓީ އިން ލިބުނު އާމްދަނީ ދަށްވުމާއި ޗައިނާ-ރާއްޖެ އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށެވެ.
ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.