އީރާން

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓާނުލާނެކަން އެމެރިކާއަށް އަންގައިފި

އެމެރިކާއާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި އެވެ.

އަދި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާއި އެކަމަށް ބޭނުންކުރާ އާލާތްތައްވެސް މަދުނުކުރާނެ ކަމަށް އިރާނުން އެމެރިކާއަށް އަންގާފައިވާ ކަމުގައި ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ބުނާ ގޮތުގައި އެމެރިކާއާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަނޑައަޅުއްވާފައިވާ "ރަތް ރޮނގު" ހުރަސް ނުކުރާނެ އެވެ. މި ރަތް ރޮނގަކީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކަންވެސް އެ ގައުމުން ފާހަގަކޮށްފައިވެ އެވެ.

އީރާނުން ބުނާ ގޮތުގައި 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގައި އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަކޮށްވެސް ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތައް އަލުން މަދުނުކުރާނެ އެވެ.

މީގެއިތުރުން އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭ ކަންކަން ނުހިމެނޭނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ.

އިޓަލީގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާއިންވެސް އީރާނުގެ ނިއުކްލިއަ މަސައްކަތްތައް އެއްކޮށް ހުއްޓާލަން ބާރެއް ނާޅަ އެވެ. އެމެރިކާ އިން ބޭނުންވަނީ އަސްކަރީ ބޭނުމަށް ނިއުކުލިއަ ހަކަތަ އުފެއްދިޔަ ނުދޭށެވެ.

އީރާނުން އިތުރަށް ބުނީ ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނީ މަޝްވަރާތަކަށް އެމެރިކާއިންވެސް "ސީރިއަސް" ވެގެން ކަމަށެވެ.

މަޝްވަރާތަކުގައި އެމެރިކާ ތަމްސީލް ކުރާ ސްޓީވް ވިޓްކޮފް އެކްސްގައި ވިދާޅުވީ އީރާނަށް އެމެރިކާއާއެކު އެއްބަސްވުމެއް ހެދޭނީ ނިއުކްލިއަ ބާރުވެރިކަން އިތުރުކުރާ ޕްރޮގްރާމްތައް މަޑުޖައްސާލުމުން ކަމަށެވެ.

އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްނުވެއްޖެނަމަ އީރާނަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކިފަހަރު މަތިން އިންޒާރު ދެއްވަމުންނެވެ.