ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލައި، ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ދައުލަތުގެ ވެރިންނަށް ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހް މިކަމަށް ގޮވާލައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނިކޮށެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި މި ބިލް އިއްޔެ މަޖިލީހުން ފާސްކުރީ ރޯލްކޯލް ވޯޓަކުން ހަމައެކަނި ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު އެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެނިގެން މިދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދާ މަންޒަރު ކަމަށެވެ.
ސަރުކާރުގެ އެ އަމަލަކީ ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި, ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު، ހުތުރު އަމަލުތަކެއްގެ ގޮތުގައިވެސް ސިފަ ކުރެއްވި އެވެ.
"މިކަންކަން ހުއްޓާލައި, ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ. އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ހައްގުތަކާއި, ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބުގެ މަގަށް ގެންގޮސް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއްކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ.
"އެކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށްލުމަށް އިއްޔެ މަޖިލީހުން ބިލް ފާސްކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޖުޑިޝަލް ސާވޮސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީ އިން އަންގާފައިވާ ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފަ އެވެ. އަދި ޖޭއެސްސީ އިން ވެސް އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން މިހާރު ވަނީ ފަށާފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ހާލަތްތަކެއް ބަޔާންކޮށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހެނދުނަށް ތާވަލްކޮށްފައި ވަނިކޮށެވެ..