އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް ދެމި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހާއްސަ ހިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ ތައުލީމާއި ސިއްހަތާއި، އިޖްތިމާޢީ އަދި މި ނޫން ހިދުމަތްތަކާއި ވެރިކަން ހިންގުމާއި ވިޔަފާރިއާއި އިގްތިސާދީ މަސައްކަތްތަކާއި އަދި މުޖްތަމައެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރި އަރާނީ، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖްމަތައުގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއިއެކު އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ.
ރައީސްގެ ހިތާބުގައި ވަނީ ރާއްޖޭގައި ސިއްހީ ހިދުމަތާއި ތައުލީމީ ދާއިރާ ފަދަ މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި އަންހެނުން ގިނަކަން ފާހަގަކުރައްވާފަ އެވެ. އަދި ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމުގެ މަރުހާލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރިވަރުން ކަމަށް ވިދާޅުވި އެވެ.