އެމެރިކާ ސަރުކާރުގެ ހުރިހާ އިދާރާތަކުގައި، ހުރިހާ ޑިވައިސްތަކުގައި ޑީޕްސީކް ބޭނުންކުރުން މަނާކުރަނީ އެވެ. މިއީ އެމެރިކާ ސަރުކާރުން މީގެ ކުރިން ޑީޕްސީކަށް ދީފައި ހުރި ލުއިތަކާ މުޅިން ޚިލާފު ނިންމުމެކެވެ.
ޖޯ ބައިޑަން ސަރުކާރުން ޑީޕްސީކް ބޭނުންކުރުން ހައްދުކޮށްފައި އޮތީ ރަސްމީ ވަގުތުތަކުގައި، ދައުލަތުގެ ޑިވައިސްތަކުގައި ބޭނުންނުކުރެވޭ ގޮތަށެވެ. އަދި ދައުލަތުގެ މުހިންމު -- ގައުމީ ސަލާމަތާ ގުޅުން ހުރި އިދާރާތަކުގައި ބޭނުންނުކުރެވޭ ގޮތަށެވެ.
ނަމަވެސް، ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މިހާރު ވަނީ ސަރުކާރުގެ މުވައްޒަފުން އެ މީހުން އިދާރީ ބޭނުންތަކަށް ބޭނުންކުރާ ޑިވައިސްތަކުގައި ވެސް ޑީޕްސީކް ބޭނުންކުރުން މަނާކޮށްފަ އެވެ.
ޑީޕްސީކް އަކީ ޗައިނާގެ އުފެއްދުމެކެވެ. ޑީޕްސީކްގެ ސަރަހައްދީ ސާވާތަކުގެ ތެރެއިން މީހުން އެންމެ ގިނައިން ބޭނުންކުރާ ސާވާތައް ހުންނަނީ ޗައިނާގަ އެވެ.
އެމެރިކާގެ ކަންބޮޑުވުމަކީ ވެސް ޗައިނާގައި ސާވާތައް ހުރުމެވެ. ޑީޕްސީކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ޗައިނާގައި ރައްކާކުރުމަކީ ޓްރަމްޕް ސަރުކާރުން އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫނެވެ.
ޓްރަމްޕް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުން ދައުލަތުގެ ޑިވައިސްތަކަށް ޑީޕްސީކް ޑައުންލޯޑްކުރުން މަނާ ނަމަވެސް، ޑީޕްސީކް ބޭނުންކުރުަމަށް ސަރުކާރުގެ މުވައްޒަފުންނަށް ފުރުސަތު އޮންނާނެ އެވެ.
އަދި އިތުރު ބޭނުންތަކަށް ޑީޕްސީކް ބޭނުންކުރަން ޖެހޭ ނަމަ، އެމެރިކާގައި ޑީޕްސީކްގެ ސާވާތައް ބެހެއްޓޭނެ ގޮތް ހަދާނެ އެވެ. މި ބަދަލާ އެކު ޑީޕްސީކް ޑައުންލޯޑްކުރަން ޗައިނާ ސާވާަކަށް ވަންނަން ނުޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.