ޓޫރިޒަމް

ޓޫރިސްޓުންގެ އަދަދު 5.8 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 687،916 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 650،404 ފަތުރުވެރިންނެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި އެކަނިވެސް 55،498 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 46،400 ފަތުރުވެރިންނާ އަޅާބަލާއިރު 19.6 ޕަސެންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 77،840 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 74،336 ފަތުރުވެރިން
  • ރަޝިއާ - 72،713 ފަތުރުވެރިން
  • އިޓަލީ - 61،375 ފަތުރުވެރިން
  • ޖަރުމަނު - 49،834 ފަތުރުވެރިން
  • އިންޑިއާ - 34،215 ފަތުރުވެރިން
  • ފްރާންސް - 27،352 ފަތުރުވެރިން
  • އެމެރިކާ - 22،212 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 15،278 ފަތުރުވެރިން
  • ޕޮލެންޑް - 13،805 ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.7 ޕަސެންޓް -- 479،491 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 24.8 ޕަސެންޓް -- 170،662 ފަތުރުވެރިންނެވެ.

ހޮޓާތަކުގައި 20،148 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 17،149 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 466 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 842 ގެސްޓްހައުސް އާއި 156 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.