ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާ ދެކޮޅަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވާހަކަދެއްކެވުމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިމްރާނަށް ހޫނު ރައްދެއް ދެއްވައިފި އެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކު އެތައް ގެއްލުމެއްވާ ދިވެހި ގައުމަށް ވަމުންދާ ކަމަށެވެ.
"ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް.، މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އިމްރާން ވިދާޅުވި އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބުނު ނާކާމިޔާބަށްފަހު އިމްރާން ދިރިއުޅުއްވަމުން ގެންދަވަނީ ތައިލެންޑް ގައެވެ. އެ ތަނުގައި އިމްރާން އަމިއްލަ ވިޔަފާރިއެއްވެސް މިހާރު ވަނީ ފައްޓަވާފަ އެވެ.
އިމްރާނަށް ފާޑުވިދާޅުވެ މުހުތާޒް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުންކަރާތުގެ ބިމެއްގައި ހުންނަވައިގެން އިސްލާމީ ވެރިކަމަކުން މިންޖުވާން އިމްރާން ގޮވާލެއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"100 ޕަސަންޓް އިސްލާމީ ގައުމަކުން މުންކަރާތުގެ ބިމަކަށް ހިޖުރަކޮށް، ދޮގާއި މަކަރުވެރިކަމުގެ ތާރީހެއް އޮތް ބޭފުޅަކު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ހުތުރު ވެގެންވާ ލަދުވެތި އަމަަލަކަށް ނޫނީ ނުވެ އެވެ،" އިމްރާންގެ ނަން ފާހަގަކުރެއްވުމެއްނެތި މުހްތާޒު ވިދާޅުވި އެވެ.
މުހްތާޒު އަކީ ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބެވެ.
އިމްރާން ތައިލެންޑްގައި ހުންނަވައިގެން ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ފާޑުވިދާޅުވިއިރު އިމްރާން ތައިލެންޑަށް ވަޑައިގަތުމާ އެކު އަދާލަތު ޕާޓީގެ ހަރަކާތްތައް ވަނީ މުޅިންހެން ހުއްޓިފަ އެވެ.