ރިޔާސީ ގަނޑުވަރު -- މުލިއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ހަރަދެއް ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރިޔާސީ ގަނޑުވަރުގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އެޓް ދަ ޕްްރެޒިޑެންޝަލް ޕެލަސް އިގުބާލް އާދަމް ވިދާޅުވެއްޖެ އެވެ.
އިގުބާލް މިހެން ވިދާޅުވީ ރައީސް ކޭން ބެއްލެވުމަށް އާރަށަށް ގެންދަން ގަތް ކަމަށް ބުނާ ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ. ސޯޝަލް މީޑިއާގައި އެ ރަސީދު ދައުރުވާން ފެށުމުން ރައީސްގެ ކޭން ބެއްލެވުމަށް ބޮޑު ހޭދައެއް ކުރާ ކަމަށް ބުނެ ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުން އެކަން ރިޕޯޓްކުރި އެވެ.
ދައުލަތުގެ މީޑިއާ -- ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އިގުބާލް ވިދާޅުވީ ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރިއްކޮޅަށް ކުރެއްވި ހަރަދުތައް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ހަރަދުތައް އެތައް ގުނައެއް ކުޑަވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ހަރަދެއްވެސް ކުޑަވާނެ ގޮތަށް ކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ލަފާ ދެއްވާފަ އެވެ. އަދި މުލިއާގޭ ހަރަދުތައް ބަލަހައްޓަނީ އެ އުސޫލުން ކަމަށް އިގުބާލް ވިދާޅުވި އެވެ.
"ކިރިޔާވެސް ކުރަންޖެހޭ ހަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ،" އިގުބާލް ވިދާޅުވި އެވެ.
ރިޔާސީ ގަނޑުވަރުގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އެޓް ދަ ޕްްރެޒިޑެންޝަލް ޕެލަސް އިގުބާލް އާދަމްއަކީ ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.