މޯލްޑިވްސް ޕޮލިސް ސާވިސް

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ -- މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އޭރު އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރިއެވެ.

ރިޝްމާހު ބަންދުން ދޫކޮށްލީ، 15 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމަށް އަލުން ކޯޓަށް ގެންދިޔުމުން ހޮނިހިރު ދުވަހު އެވެ.

އޭނާ ދޫކޮށްލީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ކުޑަ ކުށެއް ކަމަށް ބުނެ އެވެ. ބަންދުން ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށެވެ. އަދި ޝަރުތާ ހިލާފު ވެއްޖެނަމަ އަލުން ބަންދު ކުރެވޭނެ ކަމަށް އޭނާއަށް ވަނީ އަންގާފަ އެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ.