ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޮޅުވާލައިގެން ކޮވިޑް ދުވަސްވަރު އިންކަމް ސަޕޯޓް ނެގި ޕީއެންސީ މީހެއްގެ މައްޗަށް ހުކުމެއް

ކޮވިޑް ދުވަސްވަރު، އޮޅުވާލައިގެން ސަރުކާރުން އިންކަމް ސަޕޯޓް ހޯދި ޕީއެންސީ މީހެއްގެ މައްޗަށް އެ ފައިސާ އަނބުރާ ރައްދުކުރަން ހުކުމެއް ކޮށްފި އެވެ.

މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މި މީހާވަނީ، 2020 ވަނަ އަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހު ސަރުކާރުން އިންކަމް ސަޕޯޓްގެ ގޮތުގައި 14،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ. އެ މީހާގެ މައްޗަށް، އިއްވާފައިވާ ހުކުމުން އެނގޭ ގޮތުގައި އެ ފައިސާ ހޯދާފައިވަނީ އެ މީހާ، އިކޮނޮމިކް މިނިސްޓްރީއަށް ސައްހަ ނޫން މައުލޫމާތު ދީގެންނެވެ.

ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި މީހުންނަށް ކުރީ ސަރުކާރުން އިންކަމް ސަޕޯޓް ދިނެވެ. އޭގެ ތެރެއިން ބައެއް މީހުން އެ ފައިސާ ހޯދާފައިވަނީ އޮޅުވާލައިގެންކަން ފަހުންވަނީ އެނގިފަ އެވެ.

މި މައްސަލައިގައި ދައުލަތުން އެ މީހާއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ފައިސާ ހޯދުމުގެ ދައުވާއެކެވެ. މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ އެ މީހާގެ ގައިރު ހާޒިރުގައެވެ. ކޯޓުން ހުކުމް ކުރީ، އޮޅުވާލައިގެން ހޯދި ފައިސާ، 30 ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީއަށް އަނބުރާ ދައްކާށެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި މި މީހާއަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މީހެކެވެ.