ރައްޔިތުންގެ މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވާ ކަމަށް ބުނެ މަޖިލީހަށް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.

އެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ތެރަޕިއުޓިކް ހިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ހިދުމަތް ތައާރަފުކުރެވުނު ކަމަށާއި ނަމަވެސް ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާކުރަމުން ނުދިޔުމުގެ ސަބަބުން ތެރަޕީ ނެގުމަށް ދައްކަންޖެހޭ ފައިސާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުގެ އަމިއްލަ ފައިސާއިން ހަރަދުކުރަންޖެހިފައިވާ ކަމުގެ ޝަކުވާތައް އިތުރުވަމުންދާ ކަމަށް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި ތެރަޕީގެ އަގު ބޮޑުވަމުންދިޔުމާއި އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުގެ ކަންބޮޑުވުމެއް ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މި މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލައި މުޖުތަމައުގައި ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތާއި އެހީތެރިކަން ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ގޮވާލާފަ އެވެ.