ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯ ފެށެން އެންމެ 2 ދުވަސް

މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ ފެށެން އެންމެ ދެ ދުވަހަށް ކުޑަތަން ވެއްޖެ އެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު މި އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17، އިން 25، އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ޕެކޭޖުތައް ލިބުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ޓްރެވަލް އެޖެންޓުންނާއި މާހިރުންގެ ކިބައިން ދަތުރުކުރުމަށް ބޭނުންވާ ގިނަ މައުލޫމާތުތައް ލިބިގެންދާނެ އެވެ. އެގޮތުން، މިހާރުގެ ޓްރެވަލް ޓްރެންޑުތަކާއި ޗުއްޓީ ރޭވުމުގައި ބަލަންވީ އެންމެ މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު އެކި ސްޓޯލްތަކުން ލިބެން ހުންނާނެ އެވެ.

މިފަހަރުގެ އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ސްޓޯލުތަކުން ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވޭ ލަކީޑްރޯތަކެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ރޭވިފަ އެވެ.

ޖުމްލަ 40 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯ 2025 ގައި އެއާލައިންތައް، ރިސޯޓުތައް، ގެސްޓްހައުސްތައް، އަދި ޓްރެވަލް އެޖެންޓުންނާއި މި ދާއިރާގެ ޖަމިއްޔާތަކުން އަދި އެކި ގައުމުތަކުގެ ސަރުކާރުގެ އިދާރާތަކުންވެސް ބައިވެރިވާނެ އެވެ.

އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އަދި އިންޑޮނޭޝިއާގެ އެމްބަސީތަކުންނާއި މެލޭޝިއަން ޓޫރިޒަމް އިން މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެ، ޒިޔާރާތްކުރާ ފަރާތްތަކަށް އެ ގައުމުތަކުގައި ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ އެންމެ މުހިންމު މައުލޫމާތުތައް ދޭނެ އެވެ.

މީގެއިތުރުން، މިފަހަރުގެ އެކްސްޕޯގައި ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލްތަކުންވެސް ބައިވެރިވާނެ އެވެ. އެގޮތުން ބެންކޮކު ހޮސްޕިޓަލާއި ޕްރިންސް ކޯޓު ހޮސްޕިޓަލުގެ ސްޓޯލުތަކުން އެ ތަންތަނަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ހާއްސަ މެޑިކަލް ޓޫރިޒަމް ޕެކޭޖުތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ.

އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދެ އެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެކްސްޕޯ އެވެ. މި އަހަރުގެ އެކްސްޕޯގައިވެސް ފަތުރުވެރިކަމުގެ ދާއިރާގެ ނަން މަޝްހޫރު ވިޔަފާރިތަކާއި ރާއްޖޭގެ ގިނަ މަގުބޫލް ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ.