ސިޔާސީ ބޭފުޅުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ޓްވިޓާގައި ފެންމަތިކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓް ހިންގަނީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާ އިން ތުހުމަތުކޮށްފި އެވެ.
ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ ހަސަން ކުރުސީގެ އެކައުންޓްގެ މައްސަލަ ރާއްޖޭގެ ސަރުކާރުތަކަށްވެސް އޮތީ ބޮލު ރިހުމަކަށްވެފަ އެވެ. އެކަން އެހެން އޮއްވާ ރަޝިއާ އިން ހަސަން ކުރުސީގެ އެކައުންޓްގެ މައްސަލައިގައި ވާހަކަދައްކާފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ގާނޫނާ ހިލާފަށް ޗިޕްތަކެއް ރަޝިއާއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް ކުރުސީގެ އެކައުންޓްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ކުރުސީގެ ތުހުމަތާ ގުޅިގެން ރަޝިއާ އިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަންއާ ހަވާލާދީ ރަޝިއާ އެމްބަސީ އިން ބުނީ "ހަސަން ކުރުސީ"ގެ އެކައުންޓް ހިންގަނީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށެވެ. އެކައުންޓް ހިންގާ ބޭފުޅަކު ހުންނެވީ ޔޫރަޕްގައި ކަމަށްވެސް ތުހުމަތުކުރައްވާފައިވެ އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ކުރުސީ އެކައުންޓް ހިންގާ ބޭފުޅަކު މަސައްކަތްކުރައްވަނީ އެމެރިކާއާ އެކު ރަޝިއާ އިން ކުރިއަށް ގެންދާ މަޝްވަރާތަކާއި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ބަދަހި ގުޅުން ހީނަރުކުރުވުމަށެވެ. އެކަމަކު އެ ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރަޝިއާ އަކީ އެހީތެރިއެއް ކަމުގައިވެސް ސަފީރު ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާ އިން 75،836 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ.
ހަސަން ކުރުސީގެ އެކައުންޓްގެ މައްސަލަ ދިވެހި ސަރުކާރަށް މުސީބާތަކަށްވެ، އޮގަސްޓް 2023 ގައި އެ އެކައުންޓް ހިންގާ މީހަކު ހޯދަން ދިވެހި ފުލުހުން ވަނީ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ހޯދާފަ އެވެ. ނަމަވެސް އެ އެކައުންޓް ހިނގާ މީހަކު އަދިވެސް ހޯދިފައެއް ނުވެ އެވެ.
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ހަސަން ކުރުސީ އެކައުންޓް ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަމަވެސް ނަޝީދު ވަނީ އެ ތުހުމަތު ދޮގުކުރައްވާފަ އެވެ.