އެމްއެމްޕީއާރްސީ

ސްޕޯޓްސް ފިޝިން ޕްރޮމޯޓްކުރަން ރާއްޖޭގެ އެމްބެސެޑަރަކަށް ފްލައި ނަވާރޯ

ސްޕޯޓްސް ފިޝިން ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގްލޯބަލް އެމްބެސެޑަރަކަށް ފްލައި ނަވާރޯ ހަމަޖައްސައިފި އެވެ.

ފްލައި ޒޯން ފިޝިންގެ ބާނީ ކަމުގައިވާ ނަވާރޯއަކީ ދުނިޔޭގެ 6 ކޮންޓިނެންޓަށް ދަތުރުކޮށްފައިވާ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ އެންމެ ބޮޑެތި މަސްވެރިކަމުގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅިވަރު މަސްވެރިއެކެވެ.

ނަވާރޯ ބުނީ ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔޭގައިވެސް އެންމެ ހިތްގައިމު އެއް މާހައުލު" ކަމަށާއި މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް ވާދަނުކުރެވޭނެ ފަދަ މާހައުލެއް ކަމަށެވެ. މިފަދަ މާހައުލެއް ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެ ދިނުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށް ބުންޏެވެ.

އެމްބެސެޑަޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ނަވާރޯ ބައިވެރިވާނީ އެމްއެމްޕީއާރްސީ އިން އިންތިޒާމުކޮށްގެން ބާއްވާ "ބުރުނުބޮމަ ގްލޯބަލް ފިޝިން“ މުބާރާތު ގައެވެ.

މި މުބާރާތަކީ ރާއްޖޭގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަްވާމީ ވާދަވެރި މުބާރާތެކެވެ.

ދިވެހިރާއްޖެ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް މަޝްހޫރު ކުރުމަށް އެމްއެމްޕީއާރްސީން ކުރިންވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޮފިޝަލް ޓްރެވެލް ޑެސްޓިނޭޝަން ޕާޓްނަރަކަށް އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީއާއި އިންޑިއާގެ މުމްބާއީ އިންޑިއަންސް ހަމަޖެއްސުމާއި، ސޯޝަލް މީޑިއާ އިންފްލުއެންސަރުން މެދުވެރިކޮށް ރާއްޖެ ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ހިމެނެ އެވެ.

ނަވާރޯ ރާއްޖޭގެ އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ ބައިނަލްއަގްވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ހުރި ޝައުގުވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.