ސަލްމާން ރަސްގެފާނު

ސައުދީ ރަސްގެފާންގެ ހާއްސަ ސިޓީއެއް އާޔަތުﷲއަށް

ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ ސިޓީއެއް ހިއްޕަވައިގެން ސައުދީ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އަލް ސައުދު އިރާންގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނައީގެ އަރިހަށް ވަޑައިގެންފި އެވެ.
Prince Khalid bin Salman Al Saud

އީރާނުގެ ދައުލަތުގެ މީޑިއާއިން އެކަން ޔަގީންކޮށްދިން ނަމަވެސް މިބައްދަލުކުރެއްވުމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

އާޔަތުﷲ ޚާމަނާއީ ވިދާޅުވީ އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަކީ ދެ ގައުމަށްވެސް ފައިދާހުރި ގުޅުމެއް ކަމަށާއި ސައުދީއާ އެކު ގުޅުން ބަދަހިކުރުމަށް ހުރި ހުރަސްތަކުން އަރައިގަތުމަށް އިރާން ތައްޔާރަށް އޮތް ކަމަށެވެ.

އެތައް އަހަރެއްގެ ދެކޮޅުވެރިކަމަށްފަހު 2023 ވަނަ އަހަރު ޗައިނާގެ މަދަދުވެރިކަމާއެކު ދެ ގައުމުގެ ދެމެދުގައި އަލުން ވަނީ ގުޅުން ބަދަހިކޮށްފަ އެވެ.
ހާއްސަކޮށް އަސްކަރީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ގެންދަނީ ވަރުގަދަ ކުރަމުންނެވެ.

މީގެއިތުރުން އީރާނުން އެމެރިކާއާއެކު ކުރިއަށްގެންދާ ނިއުކްލިއާ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާއިން މަރުޖަބާ ކިޔާފައިވެ އެވެ.

ސަރަޙައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އީރާނުން ތާއީދުކުރާ ކަމަށް އެ ގައުމުންވެސް ބުންޏެވެ.

މެދުއިރުމަތީގައި ސަލާމަތާއި ސުލްހަވެރިކަން ގާއިމުކުރުމުގައި އިރާނާއި ސައުދީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިއުމަކީ މުޅި ސަރަހައްދަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ.