ވާހަކަ

ކަރުނައިގެ އަގު

(14 އެޕްރިލް 2025 އާ ގުޅޭ)

"ދައްތަގެ އަނގައިގަ ތެރޭ ކޮންމެވެސް ފާރު ހުރީމަ ކާން އުނދަގޫވާނެ. އަހަރެން ލިޔެދޭނަން ބޭހެއް. އަނގައިގެ އެތެރޭގައި އެ ބޭސް އުނގުޅާނީ. ދައްތަގެ ހުންމަޑު ނުވިޔަސް ތެދުވެވޭވަރުވީމާ ތިއްތި ވާނެ ދައްތަ ގޮވައިގެން ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް އަންނަން. ދައްތަގެ ކޮންޑިޝަން އެހާ ރަނގަޅެއްނޫން. ޓެސްޓްތައް ހަދައިގެން ނޫނީ ޔަޤީންކޮށް އެއްވެސް އެއްޗެކޭ ބުނާކަށް ނޭނގޭނެ. ޕްލީޒް ތިއްތި. އިތުރަށް ފަރުވާކުޑަނުކުރާތި... ދެން އަދި އެއްވާހަކަ އަހާލަންތަ!؟... ތިއްތި އެއްވެސް ކަމަކަށް ބޭސް ނަގަމުންތަ ތިދަނީ؟. ކެބިނެޓް ތެރޭގައި ހުރި ބޭސްތައް ފެނިގެން މި އަހާލީ." ސައިމަން ވާހަކަދެއްކި އެވެ.

"އަހަރެންގެ އެއްނޫން. ރަހާއަށް އެނގޭނީ... އޭނާ ކައިރީ އަހާލާނަން." ވާކިފް ބުންޏެވެ.

ކޮފީތަށި ހުސްވަންދެން ވާހަކައިގައި ސައިމަން އިނެވެ. އޭނާ ދާން ނުކުތީ އޭގެ ފަހުންނެވެ. ވާކިފް ވެސް ރަހާގެ ގާތަށް އެނބުރި ކޮޓަރިއަށް އައީ ސައިމަން އެ ގެއިން ނުކުތީމަ އެވެ. އޭނާ އައިސް ކޮޓަރިއަށް ވަދެ އެނދު ކައިރީ ހުއްޓިލި އެވެ. މޫނުކޮޅު ކިރިޔާ ފެންނަވަރަށް ރަހާ އޮތީ ރަޖާގެ ތެރޭ ފޮރުވިގެންނެވެ. ފަރުވާތެރި ބެލުމަކުން އެނދުގައި އޮތް އަނބިމީހާއަށް ވާކިފް ބަލަން ހުއްޓެވެ. ދެ ލޯ މެރި ނޭވާ ލަމުންދިޔަ ގޮތުން ރަހާއަށް އޮތީ ނިދިފައިކަން ވާކިފްއަށް އެނގެ އެވެ. އެހެންވިޔަސް އޭނާ ހަރަކާތެއްނުކޮށް ރަހާގެ މޫނުކޮޅަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ރަހާ މޫނުގައި ފިރުމާލަން ވާކިފްގެ އަތް ކުރިޔަށް ދަމާލި އެވެ. ނަމަވެސް ރަހާއަށް ހޭލެވިދާނޭ ހީވެ އޭނާ އަމިއްލަ ނަފްސު ހުއްޓުވީ އެވެ.

"ރަހާއަށް ހުރިހާކަމެއް އެނގޭ... އެއީ ތުހުމަތެއްނޫން. ހަޤީޤަތެއް... އަހަރެންނަށް މަޢާފް ކުރާނަންތަ؟. އައިމް ރިއަލީ ސޮރީ ރަހާ. އަހަރެންނަށް ވަރަށް ގިނަ ގޯސްތަކެއް ހެދިއްޖެ. އެ ހުރިހާކަމަކަށް އަހަރެންނަށް މަޢާފްކޮށްދީ. ދެން އަލުން ތަކުރާރެއް ނުކުރާނަން. ރަހާ... މިހާރުން ފެށިގެން އަހަރެންގެ ހުރިހާ ވެސް މީހަކީތީ. އަހަރެން ހުންނާނީ ރަހާއާއެކީ. ރަހާ ނޫން މީހަކަށް އަހަރެންގެ ދިރިއުޅުމުން ފުރުޞަތެއްނެތް. ދުވަހަކުވެސް ނެތް... ދިސް ޓައިމް އިޓްސް ފޯ ރިއަލް." ވާކިފް ހިތާހިތުން ވަޢުދުތަކެއްވި އެވެ.

* * * * *

އެސްފިޔަތައް ތަޅުވާލުމާއެކު މަޑުމަޑުން ރަހާ ލޯ ހުޅުވާލައިފި އެވެ. އޭނާއަށް ނިދުނީކަން އެނގުނީ ދެނެވެ. ވަރުބަލިކަން ފިލައި ނުދިޔަޔަސް ކުރީން ހުރި ބޮލުގައި ރިހުން ކުޑަވެއްޖެކަން ރަހާއަށް އިޙްސާސް ކުރެވުނެވެ. އޭނާ ކޮޓަރިތެރެ ހޯދާލި އެވެ. ނިދާބޮކީގެ ފަނޑު އަލިކަން ވެރިވެފައި އޮތްއިރު އެ ކޮޓަރީގައި އޭނާ ނޫން މީހަކު ނެތެވެ.

"ވާކިފް..." މަޑުމަޑުން ވާކިފްގެ ނަން ރަހާ ކިޔާލި އެވެ. އަދި އޭނާ ދެ ލޯ މަރާލީ ފުންވިސްނުމަކަށް ދިޔަފަދައިންނެވެ.

ރަހާގެ ޚިޔާލުތަކުގައިވަނީ ވާކިފް އެވެ. އޭނާ ﷲއަށް ދެންނެވުން ގިނަކުރީ ލޯބިވާ ފިރިމީހާއާ ވަކިވާން ބޭނުންނުވެގެންނެވެ. އެހެންނަމަވެސް ރަހާގެ ލޯ މައްޗަށް ﷲ އެ ދައްކަވަނީ ކޮންފަދަ މަންޒަރުތަކެއް ހެއްޔެވެ. އެކަމާ ވިސްނާ ފިކުރު ހިންގަން ރަހާއަށް މަޖުބޫރުވެއްޖެ އެވެ. ވާކިފްގެ ޢަމަލްތައް ހައްދުފަހަނައަޅައި ގޮސްފިކަން ރަހާއަށް ޤަބޫލުކުރެވެ އެވެ. ތަދުބީރުކުރާ ގޮތަށް ތަޤްދީރު ބޯނުލަބާނޭކަން ރަހާއަށް ދަނީ ފެންނަމުންނެވެ.

ފުންމިން ނޭނގޭ ފިކުރުގެ ކަނޑެއްގައި ރަހާ ފަތަމުންދަނިކޮށް އޭނާ ހަޤީޤަތުގެ ތެރެއަށް ހޭލައްވާލީ ވާކިފްގެ އަޑެވެ. ރަހާ ލޯ ހުޅުވާލި އިރު ވާކިފް ހުރީ އޭނާގެ ދާދި ގަތުގައި ހުއްޓިލައިގެންނެވެ. ލޯބިވެތި ލުއި ހިނިތުންވުމަކާއެކު ބަލަން ހުރެ ދެވަނަ ފަހަރަށް ރަހާގެ ނަމުން ވާކިފް ގޮވާލި އެވެ.

"ކޮންއިރަކު ހޭލެވުނީ. ތެދުވަލަންވީނު... އެއްޗެއް ކާންވާނެއެއްނު. ފެންވަރާލައިގެންތަ ކާނީ." ވާކިފް ވާހަކަދެއްކީ ނުހަނު ލޯބިންނެވެ.

"ގަޑިން ކިހާއިރެއް." ތެދުވެލަމުން ރަހާ އަހާލި އެވެ.

"ހެނދުނު އަށެއް ޖަހައިގެން އެ އުޅެނީ. ރޭ އެއްގޮތަކަށް ވެސް ރަހާ ނުތެދުވޭ. އަހަރެން ބޭސްދިނިން. އެކަމަކު ބޭސް ވެސް ހޮޑަށް ލީ. ނިދަން ބޭނުންވެގެން އުޅޭތީ ބޭއްވީ. ހުންގަދަވެއްޖެއްޔާ ހޮސްޕިޓަލަށް ގެންދަން ހުރީ. ނަސީބަކުން ދަންވަރަށް އަޅާލިއިރު ހުންގަނޑު މައިތިރިވާން ފަށައިފި." ވާކިފް ކިޔާދިނެވެ. އެއިން އެއްވެސް ކަމެއް ރަހާގެ ހަނދާނުގައި ނެތެވެ.

"އަނގަޔަށް ތަދުވަނީތަ؟." ރަހާ ތުންފަތުގައި ކަނާއަތުގެ އިނގިލިތައް ހިންގާލި ގޮތުން ވާކިފް އަހާލި އެވެ. ނަމަވެސް ރަހާ އެއްވެސް ޖަވާބެއް ނުދިނެވެ.

"ދައްކަބަލަ އަނގައިތެރެ ހުރިގޮތް ބަލާލަން. ސައިމަން ދިޔައީ ބޭހެއް ދީފައި. ކައިގެން ކޯ ދޮވެލާފައި އެ ބޭސް އުނގުޅާލާނީ ދޯ." ރަހާގެ މަގަތުން އެނދުގައި އިށީންނަމުން ވާކިފް ބުންޏެވެ.

ރަހާގެ ކޯތާފަތުގައި ވާކިފްގެ އަތްތިލަ ޖެހުމުގެ ކުރީން އޭނާ އެ އަތް ދުރުކޮށްލީ ދެ ފަރާތަށް ބޯހޫރާލަމުންނެވެ. އެއާއެކު ރަހާގެ އަތުގައި ވާކިފް ހިފާލި އެވެ.

"އަދިވެސް ރުޅިއައިސްފަތަ؟. ކިހިނެއް ހަދައިދޭންވީ؟... ރަހާ. ދެން މިކަހަލަކަމެއްނުވާނެ. އަހަރެން... އަހަރެން ބިރުގަތީ... ފިރިހެނުންގެ ގޮތެއް ރަހާއަކަށް ނޭނގޭނެ. އޮޅުވާލައި މަކަރުން ރަހާގެ ކިބައިން ފައިދާ ނަގާފާނެ. އަހަރެންނަށް ރަހާ ގެއްލިދާނޭ ހީވީ. އެހެން ފިރިހެނަކު ދޭ އެއްޗެއް ރަހާ ބޭނުންކުރުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން. މިގޭތެރެއިން އެ ކޮތަޅު ފެނިފި އަނެއްކޮޅުން ރަހާ ގަޔާ ދޫކޮށްނުލާނެ ދަބަސް. އެވަރުގެ އެއްޗެއް ބަހައްޓާފައި އަންނާނީ... އަހަރެންގެ ޚިޔާލުތައް މުޅިން އެހެން ހިސާބަކަށް ދިޔައީ އެހެންވެ. ސޮރީ..." ވާކިފްގެ ޢަމަލްތައް ހަމައިން ނެއްޓީ ކީއްވެކަން ބުނެދެވޭތޯ އޭނާ މަސައްކަތް ކުރި އެވެ.

އިސްއޮބާލައިގެން އިނދެފައި ރަހާ އެނދުން ފައިބަން ކުރިޔަށް ޖެހިލި އެވެ. އޭނާގެ ހިމޭންކަން ވާކިފަށް ބަލައިގަންނަން އުނދަގޫވި އެވެ. އެހެންވެ އަނެއްކާ ވެސް އޭނާ ރަހާގެ އަތުގައި ހިފަހައްޓާލި އެވެ. މަޑުކޮށްބަލާށޭ ބުނާ ފަދައަކުންނެވެ.

"ރަހާ... އަހަރެން މަޑުކުރަން ބޭނުން. އެކަމަކު ހުރެވޭކަށްނެތް. މީހަކާ ބައްދަލުކުރަން ޖެހޭތީ ކޮންމެހެން ވެސް ދާން އެބަޖެހޭ. މޭޔަރ އަސްލަމްމެން ގެއަށް ދާން އޮތީ. އެހެންވެ ނުގޮސްވާންނެތީ. އަހަރެން ޤަބޫލުކުރަން ފާއިތުވި ދެ އަހަރެއްހާ ދުވަސް މިދިޔައީ އަހަރެންނަށް އެއްގޮތަކަށް ވެސް ރަހާއަށް ވަގުތު ނުދެވިކަން. ރަހާ އެކަނި މުޅި ދުވަސް ހޭދަކުރަނީ ކިހިނެއްތޯ އަހަރެންނަށް ބަލާނުލެވޭ. ވަރަށް ބޮޑަށް އަހަރެންނަށް ފަރުވާކުޑަކުރެވިއްޖެ... އެކަމަކު ބުރަކޮށް މަސައްކަތްނުކޮށް ވެސް ނެތް ވާކަށް. ގިނަ ވަގުތު އޮފީހުގައި އުޅޭންޖެހޭ. ބުރަކޮށް އުޅެގެން ކުރިއެރުން ލިބެނީ. މި ތަނަވަސްކަމަކީ އަހަރެން ރަހާއަށް ހޯދާދޭން ބޭނުންވާ ދިރިއުޅުން. އިޓްސް ފޯ ޔޫ." ވާކިފް ބުންޏެވެ. އެހެންނަމަވެސް އެ ވާހަކަތައް ރަހާއަށް ވީ ވާކިފް ކަމަކުން ރެކެން ދައްކާ ބަހަނާތަކަކަށެވެ. އޭނާ މަޑުނުކޮށް އެނދުން ފޭބީ އެވެ. ރަހާއަށް ވާކިފް ގޮވާލި އެވެ.

"ވާހަކަ ދައްކަބަލަ. ކޮންމެވެސް އެއްޗެއް ބުނެބަލަ." ވާކިފްގެ އަޑުގައި މިފަހަރު އާދޭސްވި އެވެ. އޭނާއަށް ރަހާ ދާން ދޫކޮށެއް ނުލެވުނެވެ. އެނދުގައި އިނދެފައި ވާކިފް ތެދުވި ގޮތަށް ރަހާ ހުއްޓުވައިފި އެވެ. ރަހާގެ ކޮނޑުގައި އޭނާ އަތް ޖައްސާލަމުންނެވެ.

"ޕްލީޒް ރަހާ. އައި ނޯ އައި ވެންޓް ޓޫ ފާ ޔެސްޓަރޑޭ... ރަހާ ބޭނުމިއްޔާ އަހަރެންގެ މޫނުގައި ޖަހާ. ހަޅޭލަވާ. ހިތްހަމަޖެހެންދެން އެއްޗެހި ގޮވާ. އަހަރެންގެ ކައިރިން ކަމެއް އެނގެން ބޭނުންނަމަ ސުވާލު ކުރޭ. އަހަރެން ޖަވާބު ދޭނަން. ރަހާގެ ކޮންމެ ސުވާލަކަށް ޖަވާބުދޭނަން. ތިހެން އަހަރެންނާ ވާހަކަނުދައްކާ ނުހުރޭ. ޕްލީޒް." އާދޭހާއެކު ވާކިފް ބުންޏެވެ.

"ކޮޅަށް ހުންނަން ދަތިވެފައިވާ މި ހަށިގަނޑުގައި މީހެއްގެ ގައިގާ ޖަހާނޭ ވަރު ހުންނާނެތަ؟. އަހަރެންގެ އަނގަޔާ ތުންފަތުގައި ރިއްސާވަރުން ވާހަކަދައްކަން އުނދަގޫ. ކިރިޔާ ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެވޭތޯ މިބަލަނީ. ކީއްކުރަން އެއްޗެހި ކިޔަންވީ؟. އާދޭސް ކުރަންވީތަ ހަޤީޤަތަށް ހުރިހާކަމެއް ކިޔާދޭށޭ ކިޔާފައި. އޭރުން ހުރިހާ ހަޤީޤަތެއް ހާމަކުރާން ކެރޭނެތަ؟." ރަހާ އެނބުރި ވާކިފަށް ބަލަން ހުރެ ބުންޏެވެ. ވާކިފްއަށް އިސްޖަހާލަން އެހިނދު މަޖުބޫރުވީ ކަހަލަ އެވެ. ރަހާއާ ހަތަރުކަޅި ހަމަކޮށްގެން ނުހުރެވުނީ އެވެ. އޭނާ އިސްއޮބާލީ މިފަހަރު ރަހާގެ ކައިރިން އޭނާއަށް ކުރިއެއް ނުލިބޭނެކަން އެނގިގެންނެވެ.

ރޭގަނޑުގެ ވަގުތެވެ. ވާކިފް އޮފީހަށް ގޮސްފައި އިރުއޮއްސެންވީއިރު ހުރީ އައިސް ގޭގަ އެވެ. ރޭގަނޑު ކެއުން ތަށިތަކަށް އަޅައި ކާމޭޒުމަތި ތައްޔާރު ކުރުމުގައި ވާކިފް އުޅުނެވެ. ވާކިފް ހުރީ ސައިމަންގެ ލަފާއާ އެއްގޮތަށް ރަހާއަށް ކެވޭނެ ޒާތުގެ ކާއެއްޗެހި ގެނެސްފަ އެވެ. އިޝާ ނަމާދުން ފައިބައިގެން ރަހާ ގެސްޓްރޫމަށް މާގިނައިން ވަންނާތީ ވާކިފް ދުށްޓެވެ. ރަހާ ކުރަނީ ކީއްކަން އޭނާއަކަށް އޭރު ނޭނގެ އެވެ. ކާންތައްޔާރުވެގެން ރަހާއަށް ގޮވާލީމާ ވެސް ޚަބަރެއް ނުވި އެވެ. ރަހާ ކުރަނީ ކީއްތޯ ބަލަން ވާކިފް ގެސްޓްރޫމަށް އައީ ދެނެވެ.

"ރަހާ. ކާން ހިނގާ. އަހަރެން ވެސް..." އެއްކޮށް ނުލައްޕާ ހުރި ދޮރުފަތް ހުޅުވާލަމުން ވާކިފް ވާހަކަދެއްކި އެވެ. ނަމަވެސް އޭނާ ބަސް ހުއްޓުނީ ގެސްޓްރޫމްގެ އެނދުގެ ތަންމަތި ރަހާ ބަދަލުކުރާން ހުރިތަން ފެނިގެންނެވެ.

"ކީއްތިކުރަނީ؟. ކީއްކުރަން އެނދު ތައްޔާރު ތިކުރަނީ؟... މީހަކު އަންނަނީތަ؟." ވާކިފް އައިސް އެނދު ކައިރީ ހުއްޓިލަމުން ރަހާއާ ސުވާލު ކުރި އެވެ.

"އަހަރެންނަށް." ރަހާ މަޑުމަޑުން ބުނެލި އެވެ.

"އަހަރެމެންގެ ކޮޓަރި ކިހިނެއްވީ؟." ވާކިފްއަށް ބުނެވުނެވެ.

ރަހާ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ އެނދުގެ ތަންމަތި ތައްޔާރުކޮށްފައި ނުކުތީ އެވެ. ވާކިފް ދައްކާ ވާހަކައަކަށް ޖަވާބު ދިނުން މުހިންމު ނޫން ފަދަ އެވެ. ރަހާގެ ފަހަތުން ވާކިފް ވެސް ކޮޓަރިން ނުކުމުގެން ބަދިގެއަށް އަތުވެއްޖެ އެވެ. ކާމޭޒު މައްޗަށް ނަޒަރެއް ދީފައި ރަހާ ކާމޭޒު ދޮށުގައި އިށީނދެ ކާންފެށި އެވެ. ވާކިފް ހިތްހަމަނުޖެހުނު ފަދައަކުން ޗަސްޖަހާލާފައި ބަދިގެއިން ނުކުތީ އެވެ. އޭނާ ދިޔައީ ކޮންތާކަށްތޯ ވެސް ރަހާ ބަލައެއް ނުލި އެވެ.

* * * * *

ވާކިފްއަށް ގެއަށް އާދެވުނުއިރު އިރުއޮއްސިއްޖެ އެވެ. އެޕާޓްމެންޓަށް ވަން ގޮތަށް އޭނާ ރަހާ ކޮބާތޯ ބަލާލި އެވެ. ދެމަފިރިން ނިދާ ކޮޓަރިއަށް ވާކިފް އައިސް ވަނެވެ. އެތަނުން ރަހާއެއް ނުފެނުނެވެ. ތަފާތު ފަޅުކަމެއް އެ ކޮޓަރިތެރެއިން ވާކިފްއަށް އިޙްސާސް ކުރެވުނެވެ. ރަހާ އެ ކޮޓަރީގައި ނުނިދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައީ އެވެ. އޮފީސް ހެދުން ބަދަލުކުރާން ނޫޅެ ވާކިފް އައިސް އިށީނީ އެނދުގަ އެވެ. މަޑުމަޑުން ކަނާއަތުން އެނދުގެ ތަންމަތީގައި އެނާއަށް ފިރުމާލެވުނެވެ. އޭނާގެ ސިކުނޑިއަށް ވާންކޮށް ހިތަށް ދަތިކުރަމުން ދާ ޚިޔާލުތައް އެނބުރި އައިސް ވާކިފްގެ ނަފްސު ވަށާލި ފަދަ އެވެ. އެހިނދު އޭނާގެ ދުލުން ނުކުތީ ރަހާގެ ނަމެވެ. އެގޮތުގައި އޭނާ އިރުކޮޅަކު އިނދެފައި ތެދުވި އެވެ. އޮފީސް ހެދުން ބާލައި ތުވާލި ހިފައިގެން އޭނާ ފާޚާނާއަށް ވަނީ އެވެ. ސިކުނޑިއަށް ލުއިވެދާނޭ ކަމަށް ބަލައި ވާކިފް ފެންވަރާލީ އެވެ. އޭނާ ރަހާ ހޯދުމަށް ކޮޓަރިން ނުކުތީ ދެނެވެ.

ގެސްޓްރޫމްގެ ދޮރު ހުޅުވުނުކަން އެނގުމުން އެނދުކައިރީ ހުރި ގޮނޑީގައި އިނދެފައި ރަހާ އެ ދިމާއަށް ބަލާލި އެވެ. އޭނާ އިނީ މަޣްރިބު ނަމާދުން ފައިބައި ފޯނު ހިފައިގެން ޤުރުއާން ކިޔަވާށެވެ. ދޮރުމަތީ ހުރި ވާކިފަށް ރަހާ ފޯނު ހިފައިގެން އިންތަން ފެނުމުން އެތެރެއަށް ވަދެގެން އަތުވެއްޖެ އެވެ.

"ކީއްކުރަނީ؟." ވާކިފް އަހާލި އެވެ. ރަހާ ވާހަކައެއް ނުދެއްކި އެވެ. ވާކިފްއަށް ޖަވާބެއް ނުދިންތާ ރަހާގެ ނަޒަރު ވެސް ފިރިމީހާއާ ވަކިކޮށްލައި އަތުގައި އޮތް ފޯނަށް ހުއްޓާލީ އެވެ.

"ތިހެން ސައިލެންޓް ޓްރީޓްމެންޓް ދޭނީ ކިހާދުވަހަކު. އަހަރެންނާ ދެން މުޅި އުމުރަށް ވެސް ވާހަކަނުދައްކަންތަ ތިއިންނަނީ؟. ތި ބޮލުތެރޭގައި ހިނގާ ކަމެއް ބުނީމަ ދޯ އެނގޭނީ އަހަރެންނަށް. ސްޓޮޕް ޓްރައިންގ ޓު ޓޯޗަރ މީ... ސްޓޮޕް ދިސް ނޮންސެންސް. ވާހަކަ ނުދައްކަނީ އަނގައިގަ ހުރި ފާރުތައް ފަސޭހަނުވާތީނޫންކަން އަހަރެންނަށް އެނގޭ. އަހަރެން ގުޅާފައި އެހީމަ ސައިމަން ބުނި މިހާރު ފަސޭހަވެފައޭ ހުންނާނީ. ކޮންކަމެއް ޕްރޫވްކުރަންތަ ރަހާ ތިއުޅެނީ. އަހަރެންނާއެކީ އެއް އެނދުގައި އޮންނަން ވެސް ބޭނުމެއްނޫން. ކީއްވެތަ؟. ބަލަ އަހަރެމެން މީ ދެމަފިރިންނެއް ނޫންތަ؟. އޮވާލީ މެލޯޑްރެމަޓިކް ނުވެ ދެން މިކަން ހުއްޓަންވެއްޖެ އެއްނު." ވާކިފްގެ ރާގުގައިވީ ހިތްހަމަނުޖެހުމެވެ. ރަހާ ކަންކަން މާބޮޑުކޮށްލަނީއޭ ބުނާ ކަހަލަ އެވެ.

"ވާކިފްއާ ވަކިވާކަށް އަހަރެންނަށް ނުކެރޭނޭ ހީވޭތަ؟. ނޫނީ އަހަރެންނަށް ވާކިފްއާ ނުލައި ދިރިނޫޅެވޭނޭ ހީކުރަންތަ؟." ފިރިމީހާއަށް ނަޒަރު ހުއްޓަލި ގޮތަށް ރަހާ އަހާލި އެވެ. ވާކިފްގެ މޫނުމަތިން ކުރީން ނުފެންނަ ސިހުމެއްގެ އަސަރު ފާޅުވެލި އެވެ. އެހެންނަމަވެސް އޭނާ އެ އަސަރުތައް ނިކަން އަވަހަށް ފަރުދާކޮށްލައިފި އެވެ.

"ނޯވޭ... ރަހާއަށް މީހަކު ބޭނުމެއްނުވާނެ ދޯ. އެހެންވެ އެކަން ޕްރޫވްކޮށްދޭންތަ ތި މަސައްކަތް ކުރަނީ." ވާކިފް މިހެން ބުނެލީ ހިނިއައިސްފައި ހުރެ އެވެ.

ރަހާގެ ޠަބީޢަތް ވަގުތުން ގޯސްވި އެވެ. ހިފަހައްޓަމުން އައި ޖަޒުބާތުތަކުގެ ތެރެއިން ރުޅީގެ ހުޅުފަޅައިގެން ދިޔަ ކަހަލަ އެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އެނދުމައްޗަށް ފޯނު އެއްލާލާފައި ވާކިފަށް ބަލާލި އެވެ.

"އަހަރެން ސަމާސާ ކުރަނީއޭ ހީވަނީތަ؟." ރަހާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭނާ ދެން އެދިޔަ ގޮތަށް ގޮސް ކޮޓަރީގެ އެއްފަރާތު ފާރުކައިރީ ޖައްސާފައި ހުރި "ޗެސްޓް ޑްރޯވަރ" މަތީގައި ހުރި ބިއްލޫރި މާވަށި ނަގައި ހޫރައިލި އެވެ. ފާރުގައި ޖެހުނު ގޮތަށް އޭތި ފުނޑުފުނޑުވީ އެވެ.

"ވާކިފް ހީކުރަނީ އަހަރެންނާ މެދު ބޭނުންހާ ގޮތަކަށް ކަންތައް ކުރެވިދާނޭ. އަހަރެން އަބަދުވެސް ހުންނާނި ފުދިގެންނޭ. ކޮންމެ ކަމެއްކޮށްފައި ސޮރީއަކުން ތިމާ ކުރި ކުށް ފުހެވިގެންދާނޭ. އެ ދެއަކުރުގެ ލަފުޒަކީ ހުރިހާ ކަމަކަށް އޮތް ލައިސެންސެއްތަ؟. ހުރިހާކަމެއް ހައްލުވާނޭ ހީވަނީ. އަހަރެން މިހާ ދުވަހު ކެތްކުރީމަ ވާކިފަށް ހީވީ ދުވަހަކުވެސް އަހަރެންނަށް ނުކެރޭނޭ ވާކިފްއާ ދުރަށް ދާކަށް. ހެދިހާ ގޮތެއް ހެދިގެން އަހަރެން ހުންނާނީއޭ. ކިތައް އަހަރު... ކިތައް އަހަރު މިވީ." ރަހާ ވާހަކަދައްކަމުން ގޮސް ހަޅޭލަވައިގަތެވެ. ދެން އޭނާ އެނބުރިލި ގޮތަށް ޒީނެތްތެރި ކުރާން ބަހައްޓާފައި ހުރި މުށީގެ ތަށްޓެއް ނެގި އެވެ. އެހިނދު ވާކިފް ނިކަން ހަލުވިކޮށް އައިސް ރަހާގެ އަތުގައި ހިފަހައްޓައިފި އެވެ. އޭނާ ރަހާގެ ގައިގާ ބައްދާލަން މަސައްކަތް ކުރި އެވެ.

"ރަހާ... ދެޓްސް އިނަފް. ޕްލީޒް... ޕްލީޒް ސްޓޮޕް ދިސް. ސްޓޮޕް ބީން ލައިކް ދިސް. އަހަރެން މިހުރީ ރަހާގެ ކައިރީ އެއްނު. އަހަރެން ރަހާގެ ވާހަކަތައް އަޑު އަހާނަން." ރަހާގެ އަތުން ތަށި އަތުލައި ބެހެއްޓުމަށްފަހު އަނބިމީހާގެ ގައިގާ ބައްދާލައިގެން ހުރެ ވާކިފް ބުންޏެވެ. އޭނާގެ އަޑުގައި އިންތިހާ ކަންބޮޑުވުންވި އެވެ.

"ނުކުމޭ މިތަނުން... ހަމަމިހާރު. އަހަރެންނަށް ނުފެންނަ ހިސާބަކަށް ދޭ... ޖަސްޓް ގެޓް ލޮސްޓް." ތުރުތުރު އަޅާ އަޑަކުން ރަހާ ބުންޏެވެ. އޭނާއަށް ވާކިފްގެ އަތުގެ ތެރެއިން ސަލާމަތެއް ނުވެވޭނެކަން އެނގެ އެވެ. އެހެންވިޔަސް މިއަދު އޭނާގެ ދުލުގައި ހިފެހެއްޓޭނެ މީހަކު ވެސް ނެތެވެ.

ރަހާގެ ރުޅި ފެނި ވާކިފް ކަންބޮޑުވި އެވެ. ރަހާގެ ކުރިމަތިން ދިއުމާމެދު ޚިޔާލު ތަފާތުވެ އޭނާއަށް މަޑުޖެހިލެވުނެވެ. ނަމަވެސް ރަހާގެ ޖުމްލަތައް ތަކުރާރު ކޮށްލުމުން އޭނާއަށް ވިސްނުނީ މިވަގުތައް އެންމެ ރަނގަޅު ނިންމުމަކަށް ވާނީ ރަހާގެ ކުރިމަތިން ދިއުންކަމެވެ. އެހާގަދަ ރުޅިއެއް ރަހާ އައިސްފައި ހުއްޓާ ވާކިފްއަށް މީގެ ކުރީން ފެނިފައެއް ވެސް ނެތެވެ. އެއްޗެހި ހަލާކުކޮށް ހެދުމަކީ ރަހާގެ އުސޫލެއް ވެސް ނޫންކަން ވާކިފްއަށް އެނގެ އެވެ. ރަހާގެ ގައިން ދޫކޮށްލުމާއެކު ހަލުވިފިޔަވަޅުގައި ވާކިފް ނުކުތީ އެވެ. ރަހާ އޭނާގެ ފަހަތުން ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި ހުރި ކަބަޑުގެ މަތިން ތަޅުދަނޑިފަތި ނަގައިގެން ވާކިފް ގެއިން ނުކުމެގެން ދިޔަތަން ރަހާ ދުށްޓެވެ. އެޕާޓްމެންޓްގެ ދޮރު ލައްޕާލިތަން ފެނުމާއެކު ރަހާގެ ބަޑިފަޅައިގެން ހިނގައްޖެ އެވެ. ބާރުއަޑުން އޭނާއަށް ރޮއިގަނެވިއްޖެ އެވެ. ހުރި ދިމާއަށް މީހާ ކުއްލިއަކަށް ތިރިވެ ތަޅުންމަތީ އިށީނދެވިއްޖެ އެވެ. މޭގައިވީ ހިތް ކުދިކުދިވަނީހެން ހީވެ މޭގައި ދެއަތް ރަހާ ބޮނޑިކޮށްލި އެވެ.

(ނުނިމޭ)