ޗައިނާގެ ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމިއްޔާ (ސީއެފްއެންއޭ)ގެ ވަފްދެއް ރާއްޖެއަށް ކުރި ދަތުރަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ފުޅާ ދާއިރާއެއްގައި ވިއްކުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ދަތުރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ވަފްދު ރާއްޖޭގައި ތިބީ މިމަހުގެ 13 އިން 18 އަށެވެ.
ޗައިނާގެ ވަފްދުން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ އޮޕަރޭޝަންތައް ހިންގާ ގޮތް ގާތުން ބަލައި ދިރާސާކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޗައިނާ ވަފްދުގެ ދަތުރުގެ ސަބަބުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ޗައިނާ ވަފްދުގެ ދަތުރުގައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އަދި ފިޝަރީޒް މިނިސްޓަރާ ވެސް ބައްދަލުކޮށްފަ އެވެ.
މީގެ އިތުރުން މިފްކޯގެ އިސްވެރިންނާއި، ރާއްޖޭގެ ކަނޑުމަހުގެ އެކްސްޕޯޓަރުންގެ ޖަމިއްޔާއާވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ.
ޗައިނާ ވަފްދުގެ ބޭފުޅުން މާންދޫ މަސްފެކްޓަރީއާއި، ހިންމަފުށީ މަސްކާރުހާނާގެ އިތުރުން މަނިޔަފުއްޓަށްވެސް ޒިޔާރަތްކޮށް އެތަންތަނުގެ އޮޕަރޭޝަންތައް ގާތުން ބަލާފައިވެ އެވެ. އަދި ހަމައެހެންމެ ހުއިފިލަނޑާގެ އުފެއްދުންތައް ބޭރުކުރާ ފަރާތްތަކާއި، ކަންނެލީގެ ބާވަތްތައް އުފައްދާ ފަރާތްތަކާވެސް ބައްދަލުކޮށްފައިވެ އެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
މި އެއްބަސްވުމުގެ ތެރެއިން ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުމަސް ޗައިނާއަށް ބޭރުކޮށް، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމެވެ.