އަބްދުﷲ ނާޒިމް އިބްރާހިމް

މެޑިކަލް ޓޫރިޒަމް ހޮސްޕިޓަލްގެ ޕްރޮޕޯސަލް ދަނީ ލިބެމުން: ނާޒިމް

މެޑިކަލް ޓޫރިޒަމަށް ހާއްސަ ހޮސްޕިޓަލް އެޅުމުގެ ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ މެޑިކަލް ޓޫރިޒަމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ބައެއް ފޮރިން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ރިސޯޓެއްގައި ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

"ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓްގެ އިތުރުން އެތަނުގައި މީހުން ތަމްރީނު ކުރެވޭނެ ކޮލެޖަކާއެކޮށްވެސް ބައެއް ބޭފުޅުން ޕްރޮޕޯސަލް ހުށަހަޅުއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވަނީ މިފަދަ ކަންކަމާ ގުޅޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޑައިވަސިފައި ކުރާއިރު މެޑިކަލް ޓޫރިޒަމް ފުޅާވެގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ.