ދިރާގު ފުވައްމުލައް ރަން (ޑީއެފްއާރް) ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށަން ނިންމައިފި އެވެ.
ޑީއެފްއާރްގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ، އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރު ގައެވެ.
ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގު ހެޑް އޮފީހުގައި ބިބް އެކްސްޕޯ ކުރިއަށްދާނީ
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ދިރާގުން ބުނި ގޮތުގައި މި ދެ ދުވަހަށް ފަހު ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި އެޕްރީލް 30 އާއި މޭ 1 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގަ އެވެ.
ކުރުނދުމާ މާލަމުގައި ބިބް އެކްސްޕޯ ކުރިއަށްދާނީ
- ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ދިރާގުން ވަނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.
ދިރާގުން ބުނި ގޮތުގައި ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބ،ް ޓީޝާޓ،ު ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ.
ރޭސް ކިޓް ހަވާލުކުރެވޭނީ ދުވުންތެރިޔާގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޭ 2 ވަނަ ދުވަހު ފުވައްމުލައް ސިޓީގަ އެވެ.
ޑީއެފްއާރް 2025 އާ ބެހޭ އިތުރު މައުލޫމާތު ޑީއެފްއާރް ވެބްސައިޓުން ލިބޭނެ އެވެ.