ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކުރި ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
މިއީ އިމްޕޯޓާއި އެކްސްޕޯޓަށް އެކި އިދާރާތަކުން ހޯދާ ހިދުމަތްތައް އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި އަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައި "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި ޕްލެޓްފޯމްގެ ތެރެއިން ޝިޕިން އޭޖެންޓުން ރަޖިސްޓްރީކުރުމާއި ފްރައިޓް ފޯވަޑަރުން ރަޖިސްޓްރީކުރެވޭނެ އެވެ. މީގެ އިތުރުން ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި ސީ ކާގޯ މެނިފެސްޓް ހުށަހެޅޭނެ އެވެ.
މިގޮތަށް ހަމަޖެއްސި ނަމަވެސް ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް މެއި 31 ގެ ނިޔަލަށް މިހާރު ހުށަހަޅަމުންދާ ގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީޓީއޭ)" އާގުޅޭ މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ޖޫން 1 އިން ފެށިގެން މި ހިދުމަތްތައް ހޯދޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުންނެވެ.