ސައްހަ ހުއްދައެއް ނެތި ހައްޖަށް ނުދިއުމަށް ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއިން ކުރިން ދިން އިންޒާރު އަނެއްކާވެސް ތަކުރާރުކޮށްފި އެވެ.
ސައޫދީން ބުނާ ގޮތުން ނުސުކު ޕްލެޓްފޯމް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުން ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ހައްޖަށް ގޮސްފިނަމަ އަދި އެފަދަ ބައެއްގެ މައުލޫމާތު އިދާރާތަކަށް އެނގިއްޖެނަމަ ހަރުކަށި އަދަބުތަކެއް އޮންނާނެ އެވެ.
ހައްޖު މޫސުމަށް ހަރުކަށި އުސޫލުތަކެއް ގާއިމުކުރަން ޖެހެނީ ހައްޖުވެރިންގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ކަމަށް ސައޫދީން ބުންޏެވެ. ހައްޖަކީ ދުވަސްވީ މީހުންނަށް އަދި ހުރިހާ އުމުރު ފަރައަކަށްވެސް ރައްކާތެރި ދަތުރަކަށް ހެދުމަށް ބޭނުންވާ ކަމަށްވެސް ސައުދީން ބުންޏެވެ.
ސައޫދީ ގެޒެޓުގައި ބުނެފައި އޮތް ގޮތުން ހައްޖަށް ހާއްސަކޮށް ދޫކުރާ ވިސާއެއްގައި ނޫނީ ހައްޖެއް ނުކުރެވޭނެ އެވެ. ސައޫދީއަށް ކޮންމެވެސް އެހެން ކަމެއްގައި ގޮސް އުޅޭ މީހުންނަށް -- ހައްޖު ވިސާއެއް ނެތް ނަމަ ހައްޖުވުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ބުންޏެވެ.
ސައޫދީގެ ހައްޖާ ބެހޭ ވުޒާރާ އިން އެކުލަވާފައިވާ ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އޮތް އުގޫބާތަކީ، އެފަދަ ކޮންމެ މީހަކު 15 ދުވަހަށް ޖަލަށްލުމެވެ. އަދި 10،000 ސައުދީ ރިޔާލުން ޖޫރިމަނާކުރުމާއި އެ މީހުންގެ ނަންތައް އާންމުކޮށް އިއުލާންކުރުމެވެ.
ސައުދީގައި މަސައްކަތްކުރާ ބޭރު ގައުމެއްގެ މީހެއް ނަމަ ވަޒީފާއިން ވަކިކޮށް ފޮނުވާލުމެވެ. އަދި ސައޫދީއަށް އެރުން މަނާކުރުމެވެ. މީގެ އިތުރުން ދަތުރުކުރަން ބޭނުންކުރި އުޅަނދުތައް ހިފަހައްޓައި ޓޯކުރުންވެސް ހިމެނެ އެވެ.