ފުޓްބޯޅަ މޫސުމުގެ ބޭރުން އެފްއޭއެމުން އިންތިޒާމުކޮށްފައިވާ ކުރު މުބާރާތަކަށް ފީފާއިން 771،000 ރުފިޔާ (50،000 ޑޮލަރު)ގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.
ނަމަވެސް މި ފައިސާ ބޭނުންކުރުމުގެ ހުއްދަ ލިބޭނީ މުބާރާތް ބޭއްވޭނެކަން ކަށަވަރުވުމުން ކަމަށް ފީފާއިން ވަނީ އަންގާފަ އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން މި އެހީ ދިނުމަށް ނިންމީ އެފްއޭއެމުން މުބާރާތަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ ތަފްސީލް ބަޖެޓެއް ހުށަހެޅުމުންނެވެ.
މި ފައިސާ ހަމައެކަނި ބޭނުންކުރެވޭނީ އިނާމު ފައިސާއަށާއި މުބާރާތުގެ އިދާރީ އަދި ލޮޖިސްޓިކަލް ކަންކަމަށް އެކަންޏެވެ.
އެފްއޭއެމްގެ މާލީ މުއާމަލާތްތައް ބަލަހައްޓާ އޮޑިޓް ކުންފުނި "އެންކޫރާ"ގެ ހުއްދަ ލިބިގެން މެނުވީ މި ފައިސާއިން އެއްވެސް ހަރަދެއް ނުކުރެވޭނެ ކަމަށްވެސް ފީފާއިން ވަނީ އަންގާފަ އެވެ.
މިއަހަރުގެ ޖޫން މަހު ގައުމީ ޓީމުގެ މުހިއްމު މެޗުތަކަށް ވާދަވެރި ސްކޮޑެއް އެކުލަވާލުމަށްޓަކައި ބާއްވަން ތައްޔާރުވަމުންދާ ކުރު މުބާރާތް ބޭއްވުމުގެ ހުއްދަ ވަކި ޝަރުތުތަކަކާއެކު ފީފާއިން ވަނީ ދީފަ އެވެ.
ރަސްމީ މުބާރާތްތަކުގެ ކަލަންޑަރުން ބޭރުގައި މި މުބާރާތް ބޭއްވުމަށް ފީފާއިން އިއުތިރާޒު ނުކުރާކަމަށް އެފްއޭއެމުން ކުރިން ބުނެފައިވެ އެވެ.
އެހެންނަމަވެސް މުބާރާތް ކުރިއަށް ގެންދިއުމުގެ ފައިނަލް ހުއްދަ ދިނުމުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ރިއާޔަތްކުރާނެ ކަމަށް ފީފާއިން ބުނެފައިވެ އެވެ. މިހާތަނަށް މުބާރާތުގައި ބައިވެރިވާނެކަން ހަތަރު ކްލަބަކުން ވަނީ އެފްއޭއެމަށް އަންގާފަ އެވެ. އެއީ މާޒިޔާ، ޓީސީ، ވިކްޓަރީ އަދި ފުރަތަމަ ޑިވިޝަނަށް އަލަށް ކުރިމަތިލާ އޮޑި ސްޕޯޓްސް އެވެ.
މި މުބާރާތަކީ ދިވެހި ފުޓްބޯޅައަށް މުހިންމު ފުރުޞަތެއް ކަމަށް ބެލެވޭއިރު، މުބާރާތް ބޭއްވޭނެކަން އަދިވެސް ޔަޤީންވެފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި ބައެއް ބޮޑެތި ކްލަބްތަކުން ދަނީ މިމުބާރާތުގައި ބައިވެރިވުމަށް ދެކޮޅުހަދަމުންކަމަށް މައުލޫމާތުލިބިފައިވެ އެވެ.
އެގޮތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް "އަވަސް" އަށް މައުޅުމާތުދެއްވަމުން މުބާރާތުގައި ބައިވެރިނުވަން ނިންމާފައިވާ ކްލަބެއްގެ ވެރިއަކު ވިދާޅުވީ އެއީ އެއްވެސް ބޭނުމެއް، ފައިދާއެއް ހުރި މުބާރާތެއް ނޫންކަމަށެވެ. ސީޒަން ފޭސުން ލަސްވާތީ ކްލަބަށާއި ކުޅުންތެރިންނަށް ގެއްލުންވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.