މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ، ސާޒް، އިބްރާހީމް ރިސްފާން (25 އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުހައްމަދު ޒައީން (36 އ) އެވެ.

މިދިޔަ ހޮނިހިރު ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވެ އެވެ.

ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 968.6 ގުރާމު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.