( 18 އެޕްރިލް 2025 އާ ގުޅޭ )
އެޕާޓްމެންޓްގެ ދޮރު ލައްޕާލިތަން ފެނުމާއެކު ރަހާގެ ބަޑިފަޅައިގެން ހިނގައްޖެ އެވެ. ބާރުއަޑުން އޭނާއަށް ރޮއިގަނެވިއްޖެ އެވެ. ހުރި ދިމާއަށް މީހާ ކުއްލިއަކަށް ތިރިވެ ތަޅުންމަތީ އިށީނދެވިއްޖެ އެވެ. މޭގައިވީ ހިތް ކުދިކުދިވަނީހެން ރަހާއަށް ހީވެ މޭގައި ދެއަތް އަޅައި ބޮނޑިކޮށްލި އެވެ.
ދެމަފިރިންގެ ދެމެދުގައި ބޯމިން ނޭނގޭހާ އުސްފާރެއް ލެވެމުންދާކަން ރަހާއަށް އެނގެ އެވެ. އެހެންނަމަވެސް އެކަން އިޙްސާސް ވަނީ ހަމައެކަނި ރަހާއަށް އެކަނިކަން ޚުދު ރަހާ ދެނަހުއްޓެވެ. ހިތްނޭދޭ ކަންކަން ވާކިފްގެ ފުށުން ފެންނަމުންދިޔައިރު ވެސް ރަހާ ކެތްތެރިވީ އެވެ. އެކަމަކު މިހާރު އޭނާއަށް ކެތްކުރާން ދަތިވާ ދަރަޖައަށް ހިނގައްޖެ އެވެ. އަމިއްލަ ނަފްސުގެ އަގެއްނެތޭ ހީވާ ހިސާބަށް ކަންކަން ދިޔައީ އެވެ. ފިރިމީހާގެ ސަމާލުކަން ހޯދަން މަސައްކަތްކޮށްކޮށް އޭނާ ވަރުބަލިވީ އެވެ.
ރޮމުން ރޮމުން ރަހާ ތެދުވި އެވެ. އެނބުރި އައިސް ގެސްޓްރޫމު ތެރެއަށް އޭނާ ވަނެވެ. އެއްފަރާތުގައި ނަމާދު ކުރުމަށް އަޅާފައި އޮތް މުސައްލަ މަތީ އޭނާ ހުއްޓުނެވެ. ދެ ރަކުއަތުގެ ނަމާދެއް ކުރާން އޭނާ ފެށި އިރު ވެސް ރޮވެނީ އެވެ. މިހާރަކަށް އައިސް އަބަދުހެން ރަހާ ﷲއަށް ދަންނަވަނީ އެންމެކަމަށެވެ. ވާކިފްއާ އެކުގައިވުމަށެވެ. އެހެންނަމަވެސް އޭނާއަށް އެކަލާނގެ ދައްކަވަނީ ބަލައިގަންނަން ނޭދޭ ފަދަ މަންޒަރުތަކެކެވެ. އެކަމުގައި ޙިކުމަތެއްވާކަން ރަހާގެ ސިކުނޑިއަށް ނަގައިގަތުން ފަސޭހައެއްނޫނެވެ. އޭނާ ބޭނުންވާގޮތަށް ދިރިއުޅުން ކުރިޔަށް ނުދާތީ އެކަމުގެ ޝަކުވާ ހިތުން ފިލައިގެން ނުދެ އެވެ. އެންމެ މޮޅަށް ކަންކަން ރާއްވަވާ ކަލަކުކަމުގައި ﷲ ވެ އެވެ. އެކަން ރަހާ ޤަބޫލުނުކުރަނީއެއް ނޫނެވެ. ތިމާ އެންމެ ލޯބިވާ މީހާއާއެކު ދިރިއުޅުން އުފާވެރިކަމުގައި ފާއިތުވެގެން ނުދާންވީ ކީއްވެކަމެއް ރަހާއަށް ނުވިސްނެނީ އެވެ. އެ އުނދަގޫކަމުގެ މައްޗަށް ﷲ އޭނާއަށް އިތުރު އުނދަގޫކަމެއް ޖައްސަވައިފިއޭ ރަހާއަށް އިޙްސާސް ކުރެވެނީ އެވެ. އޭނާގެ ވެރި ރައްބާއި ސުވާލު ގިނަކުރެވެނީ އެހެންވެ އެވެ. އޭނާގެ ސިކުނޑިއަށް ވިސްނޭނޭ ފަދަ ގޮތަކަށް ކަންކަން އިލްހާމްކޮށްދެއްވުމަށް ރަހާ އާދޭހާއެކު ދަންނަވައެވެ.
* * * * *
ވިސްނާ ފިކުރު ކުރި ވަރަކަށް ވާކިފްގެ ސިކުނޑިއަށް އައީ ބަރުވަމުންނެވެ. އޭނާގެ ބޮލުގައި ރިހެނީ އިންތިހާއަށެވެ. ތޮށިމަތީ އިށީނދެލައިގެން އިންއިރު ކަނޑުން ނަގައިގެން އަންނަ ރޯޅީގައި ވަނީ ލޮނުގެ ތެތްފިނިކަމެވެ. އެހެންނަމަވެސް ފަޒާގައި ވަނީ އުދާސްކަމުގެ ހޫނެވެ. ވާކިފްގެ ބިއްދޮށުން ފެންނަން އޮތް ބޯގަސްތަކުން ފަތެއް ތެޅިލާތީ ވެސް ނުފެނެ އެވެ. ތަނަށް ވެރިވެފައި އޮތް އަނދިރިކަމުގައި އެތަނުގައި ވާކިފް އިންކަން ފާހަގަވަނީ ކިރިޔާ އެވެ. އޭނާއަށް ފޯނުކޯލެއް އައީ އެވަގުތެވެ. ފޯނަށް ބަލާލާފައި ވާކިފް މަޑުކޮށްލީ އެވެ. ރިންގުވެފައި ކޯލު ކެނޑުނީ އެވެ. އޭނާ ކޯލަށް ޖަވާބު ދިނީ ހަތަރުވަނަ ފަހަރަށް އެ މީހަކު ގުޅީމަ އެވެ.
"ކިހިނެއްވީ." ފޯނުކޯލު ނެގުމާއެކު ވާކިފް ބުންޏެވެ.
ވާކިފް އިންތަނުން ތެދުވި އެވެ. ލައިގެން ހުރި ޖިންސުގެ ބުޑުމަތި ކަނާއަތުން ފޮޅާލި އެވެ. އޭނާ އެބަދަން ކަމުގައި ބުނެ ފޯނުކޯލު ނިންމާލާފައި ޖީބަށް ފޯނު ލަމުން ހިނގައިގަތީ އެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި ހުރި ޓަވަރެއްގެ ކައިރިއަށް ވާކިފް ސައިކަލުގައި އައިސް މަޑުކޮށްލި އެވެ. ވަށައިގެން ނަޒަރު ހިންގާލާފައި އޭނާ ސައިކަލުން ފޭބި އެވެ. އަދި ހަލުވި ހިނގުމުގައި އައިސް އިމާރާތުގެ ތެރެއަށް ވަދެއްޖެ އެވެ. ލިފްޓަށް އެރުމާއެކު ސޯޅަވަނަ ފަންގިފިލާއަށް އެރުމަށް ވާކިފް ފިއްތާލައިފި އެވެ. ލިފްޓު ހުއްޓުމަކަށް އައިއިރު ވާކިފް ހުރީ ގޮތެއް ނިންމައިގެންނެވެ. އޭނާ އައިސް އެތަނުން އެންމެ ކައިރިން ވަދެގެން ހުރި އެޕާޓްމެންޓްގެ ދޮރުގައިވާ ބެލް އަޅާލައިފި އެވެ.
"ތިއައީ ދޯ..." ދޮރުހުޅުވާލި އަންހެންކުއްޖާއަށް ވާކިފް ފެނުމާއެކު ބުނެލެވުނެވެ. ވާކިފް އާނއެކޭ ބުނުމަށް ބޯޖަހާލި ގޮތަށް އަވަހަސްއަވަހަށް އެޕާޓްމެންޓްގެ ތެރެއަށް ދެމިގަނެއްޖެ އެވެ.
"ވީކޭއަށް ގުޅާތާ ކޮންއިރެއް. ހާދަ ލަހުންނޭ އާންސާ ކުރީ." ވާކިފްގެ ފަހަތުން ވަދެގެން އަންނަމުން ޝަކުވާގެ ރާގެއްގައި އެ އަންހެންކުއްޖާ ބުންޏެވެ.
ސިޓިންރޫމަށްވީ ތަންކޮޅުގައި ހުރި ބޮޑު ސޯފާއާ ހިސާބުގައި ވާކިފް މަޑުކޮށްލި އެވެ. އެއާއެކު އެ އަންހެންކުއްޖާ އައިސް ވާކިފްގެ ފުރަގަހުން ބައްދާލައިފި އެވެ.
"ސަހާ." ވާކިފް ގޮވާލި އެވެ.
"އައި މިސްޑް ޔޫ." ވާކިފްއާ ދުރަށް ޖެހެން ބޭނުންނުވެފައި ހުރި ފަދައަކުން ސަހާނާ ބުންޏެވެ.
"އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން." އުނަގަނޑުމަތިން ބަނޑާ ދިމާލުން ވަށާލެވިފައި އޮތް ސަހާނާގެ ދެ އަތް ނައްޓާލަމުން ވާކިފް ވާހަކަދެއްކި އެވެ. އެއާއެކު ސަހާނާ ވެސް ދުރަށް ޖެހިލައި ވާކިފްގެ ކުރިމައްޗަށް ހުއްޓިލައިފި އެވެ.
"ކޮފީ ގެނެސްދެންތަ؟. ހަމަޖެހިގެންނު ވާހަކަދައްކާނީ. އަދި ތި އައީ." ސަހާނާ ބުންޏެވެ.
"އޯކޭ. ކޮފީއެއް ގެނޭ." ވާކިފް މިހެންބުނެ ސޯފާގައި އިށީނެވެ. ނިކަން ފަރިގޮތަކަށް ބުޑުތަޅުވަމުން ސަހާނާ ހަލުވި ހިނގުމެއްގައި ސިޓިންރޫމާ ގުޅިފައި ހުރި ބަދިގާ ދިމާއަށް ދިޔަ އެވެ.
ސަހާނާ ކޮފީ ހަދައިގެން ގެނެސް ސޯފާގެ ކުރިމަތީ ހުރި މޭޒުމަތީ ކޮފީތަބަށް ބަހައްޓައިފި އެވެ. އާވި އަރައަރާ ހުރި ޖޯޑުތަކަށް އިޝާރާތްކޮށް ހޫނުކަމުން އަދި ނުބޮވޭނޭ ބުނެ ސަހާނާ އިށީނީ ވާކިފްއާ ނުހަނު ކައިރީގަ އެވެ. އޭނާ ވާކިފްގެ ވައަތް ފަރާތުން ފަލަމަސްގަނޑުގައި އަތް ބާއްވާލި އެވެ. ދެން މަޑުމަޑުން ފިރުމާލަމުން ވާކިފާ ހަތަރުކަޅި ހަމަކޮށްލި އެވެ.
"ކަމަކާ ކަޓާފަތަ؟." ސަހާނާ އަހާލީ ވާކިފްގެ ފުށުން އެހެންޏާ ފެންނަ ފަދަ ޝައުގުވެރިކަމެއް ނުފެނިގެންނެވެ.
"އަހަރެން މިއައީ ސަހާއާ މުހިންމު ވާހަކައެއް ދައްކަން." ވާކިފް ބުންޏެވެ.
"ސީރިއަސްކަން ދައްކާނީ އޮފީހުގައި. ވީކޭ އަބަދު ހުންނަނީ ގެއަށް ދާންވެފައި. މިރޭ އާދެވުނު ފަހަރު ނައިސް ޓައިމްކޮޅެއް ސްޕެންޑްކޮށްލާފައެއްނު ދާންވާނީ." ސަހާނާ ވާހަކަދައްކަމުން ތެދުވި އެވެ. އަދި އޭނާ ވާކިފްގެ އުނގުގައި އިށީނދެ އޭނާގެ ދެ ކޮނޑުގައި އަޅުވާލައި ކަނދުރާމަތިން ވާކިފްގެ އިސްތަށިގަނޑާ ކުޅެލި އެވެ.
ވާކިފް ދުލުން ބަހެއް ނުކުންނާނޭ ފުރުޞަތެއް ސަހާނާ ނުދިނެވެ. އެއަށްވުރެ އެ އަންހެންކުއްޖާ ކުޅަދާނަވެފައި ހުސިޔާރެވެ. ވިސްނައިގެން ހުރީ ކޮންމެ ގޮތަކަށް ނަމަވެސް ވާކިފްއަށް އެފަދައިން ޢަމަލެއް ނުކުރެވުނެވެ. އޭނާ ސަހާނާގެ އަވައިގައި ޖެހުނީ އެވެ. އެ އަންހެންކުއްޖާގެ ބީހުންތަކަށް ވާކިފްގެ ހަށިގަނޑު އިޖާބަދިނީ އެވެ.
އާވި އަރައަރާ ހުރި ކޮފީޖޯޑުތައް ހިހޫވީއިރު ސިޓިންރޫމުގައި ވާކިފްއާއި ސަހާނާއެއް ނެތެވެ. ބަންދުވެފައި ހުރި ކޮޓަރީގެ ތެރޭގައި ދެ ޒުވާނުންގެ ކަރުހިއްކުން ފިލުވަމުންދިޔައީ އިތުރު އެއްވެސް ކަމަކާ ޚިޔާލެއް ފިކުރެއްނެތް ބަޔަކު ފަދައިންނެވެ. ކޮޓަރީގެ ކައިރީ ހުއްޓިލައިފި މީހަކަށް ސަހާނާގެ އަޑު އިވޭނެކަން ގައިމެވެ. އެކަމަށް އެމީހުންގެ ފަރުވާލެއްނެތެވެ.
ނިދިފައި އޮތް ވާކިފަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭނާ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. ބޮލާއި ކަނދުރާ މަތީގައި އޭނާއަށް އަތްހާކާލެވުނީ ހާސްކަމާއެކު އެވެ. ދެން އަވަސްވެލީ ގަޑިންވީއިރެއް ބަލާށެވެ. އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ވާކިފްގެ އަތުކުރީ ގަޑިއާއި ފޯނު ނެގި އެވެ.
"ފަ*..." ދަންވަރު ތިނެއްޖެހުމާ ކައިރިވެއްޖެކަން އެނގުނު ހިނދު ވާކިފްގެ ދުލުން ނުކުތީ ރަނގަޅު ބަހެއްނޫނެވެ.
"ކިހިނެއްވީ؟." ސަހާނާ އަހާލި އެވެ.
"އަހަންނަށް ގޮވާލިނަމަ." ވާކިފް ބުންޏެވެ. ސަހާނާ ވަކި އެއްޗެއް ނުބުންޏެވެ.
ވާކިފް އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަނީ އެވެ. ސަހާނާ ވެސް ތެދުވީ ދެނެވެ. ތަޅުންމަތިން އޭނާގެ ޓީޝާޓާއި ސޯޓު ނަގައި ހެދުން ލައިގެން އަނެއްކާ ވެސް އެނދުގައި އިށީނީ އެވެ. ވާކިފް ނުކުންނަންދެނެވެ. ގިނައިރެއްނުވެ ވާކިފް ފާޚާނާއިން ނުކުމެއްޖެ އެވެ. އޭނާގެ ހަރަކާތްތައް ވެސް އަވަސްކޮށްލާފައި ހުރި ހެދުންލުމަށެވެ.
"ސަހާ... އަހަރެން މިރޭ އައީ ވާހަކައެއް ބުނަންށޭ ބުނީމެންނު." ވާކިފް އެއްޗެހި ލަމުން ސަހާނާއަށް ފުރަގަސްދީގެން ހުރެ ވާހަކަދެއްކި އެވެ. އަޑުއަހަން އިންކަން ބުނެދެމުން ސަހާނާ ހޫން ލައްވާލި އެވެ.
"މާކެޓިންނަށް އަލުން ސަހާ ބަދަލުކުރާން އަހަރެން ނިންމައިފިން. އަހަރެންނަށް އިތުރު އެސިސްޓެންޓެއް ބޭނުމެއްނުވޭ. އެހެންނޫނަސް އަހަރެންގެ އެސިސްޓެންޓަކަށް ހުރެގެން ސަހާއަށް މާބޮޑު ކުރިއެރުމެއް ނުލިބޭނެ." ވާކިފްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ސަހާނާ ވާހަކަދެއްކި އެވެ.
"އަހަރެން ދުރުކޮށްލަނީތަ؟." ސަހާނާއަށް ވަގުތުން އަހާލެވިއްޖެ އެވެ.
"ސަހާއަށް ނަގައިދިން ސައިކަލަކީ ސަހާގެ އެއްޗެއް. މި އެޕާޓްމެންޓްގައި ލާރިއެއް ނުދައްކާ އެއް އަހަރު ވަންދެން ހުރެވޭނެ. އެއްވެސް އެއްޗެއް އަތުލާކަށް އަހަރެން ނޫޅެން. އޮފީހަށް ނުކުމެފައި އާޒިމްއާ ބައްދަލުކުރޭ. އޭނާ ސަހާއަށް ޗެކެއް ލިޔެދޭނެ. އެވަރު ސަހާއަށް މަދެއްނުވާނެ." ވާކިފް ބުންޏެވެ.
"ކީއްވެ؟. އަހަރެންނަށް ކޮންކަމެއް ގޯސްކޮށް ކުރެވުނީ؟. ވީކޭ... ބުނެބަލަ. ކޮންކަމެއް އަހަރެންގެ ފަރާތުން އުނިވީ؟. ވީކޭ ބުނިހާ ގޮތެއް ހަދައިގެން ނޫންތަ މިއުޅެނީ. އަހަރެން ކަމެއް ބަދަލުކުރަންވީތަ؟. ކޮންކަމެއް ޗޭންޖު ކުރަންވީ. އައި ވިލް ޗޭންޖް." ސަހާއަށް އިށީނދެ ނީނދެވުނެވެ. އޭނާ އައިސް ވާކިފްގެ ކުރިމަތީ ހުއްޓުނެވެ. ވާކިފްގެ އަތުގައި އަތްލަން އުޅުމުން ވާކިފް ޖެހިލީ ދުރަށެވެ.
"ވީކޭ ޕްލިޒް... އެއްޗެކޭ ބުނެބަލަ. ވާހަކަދައްކަބަލަ. އަހަރެންނަށް ހެދުނު ގޯހެއް ބުނީމަ ދޯ އެނގޭނީ. ޕްލީޒް... ދަތުރު ނިންމާފައި އައިސް ވީކޭ ވަކިން ބޮޑަށް އަހަރެންނާ ދުރުވެއްޖެކަން އެނގޭ. އެކަމަކުވެސް ޝަކުވާއެއް ނުކުރަން މިހުރީ. ވީކޭއާއެކީ އަހަރެން ރިލޭޝަންޝިޕަކަށް ދިޔައީ ފައިސާއަކަށް ނޫން. ހަޤީޤަތުގައި ވެސް ވީކޭދެކެ އަހަރެން ލައިކްވެގެން." ސަހާނާ ފެންކަޅިވި އެވެ.
"ދެޓްސް އިނަފް. މީ ސީރިއަސްކޮށް ކުރި ކަމެއްނޫންކަން ސަހާއަށް އެނގޭނެ. އަހަރެން ބޭނުން އިރަކުން މިކަން ނިންމާލެވިދާނެ. ސަހާ ކައިރީ ނުބުނެ ވެސް ނިންމާލެވުނީސް. އެކަމަކު އެހެން ނުހަދާން ވެގެން ދޯ މިބުނީ." ވާކިފް ބުންޏެވެ. މިފަހަރު އޭނާގެ އަޑުގައި ގާތްކަމެއް ވެސް ނެތެވެ. ވާކިފްގެ ގަސްދާމެދު ސަހާނާއަށް ޔަޤީންވީ އެހެންވެ އެވެ. އެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް އަންނަނީކަން ސަހާނާއަށް ޔަޤީންވީ އެވެ.
"ތީ ދޮގެއް. ވީކޭ އަހަރެންދެކެ ލައިކްވޭ. ދުރުވާން ތިއުޅެނީ ކޮންމެވެސް ސަބަބަކާ ހުރެކަން ޔަޤީން. އެ ސަބަބު ގުޅިފައިވަނި ރަހާއާ. އެހެންނު." ސަހާނާ ބުންޏެވެ. ކޮޓަރިން ނުކުނުކުމެ ހުރި ވާކިފްގެ ފިޔަވަޅު މަޑުޖެހުނެވެ. އޭނާ އެނބުރި ސަހާނާއަށް ބަލާލީ ނުރައްކާތެރި ބެލުމަކުންނެވެ. ސަހާނާގެ ދުލުން ރަހާގެ ނަން ވެސް ކިޔައިގެން ނުވާނޭ ބުނާ ފަދަ އެވެ. ޚުދު ސަހާނާ ވެސް ޖެހިލުންވި އެވެ. ދަތްކުނޑިވިކާލުމާއެކު ވާކިފްގެ ދެ ބުމަ ގޮށްޖަހާލި އެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް އޭނާ އަމިއްލަ ނަފްސް ހުއްޓުވީ އެވެ. ސަހާނާއާ ޒުވާބު ކުރުމުގައި ވަގުތުތަކެއް ބޭކާރުކުރާން ވާކިފް ބޭނުން ނުވީ އެވެ. އެހެންވެ ހަލުވި ފިޔަވަޅުގައި އޭނާ ބެލީ އެ އެޕާޓްމެންޓުން ނުކުމެގެން ދެވޭތޯ އެވެ.
* * * * *
ހަފްތާއެއް ފަހެވެ. ފަތިސް ނަމާދުކޮށްގެން ރަހާ ކޮޓަރިން ނުކުތީ އިރުއެރީމަ އެވެ. ބަދިގެ ތެރޭގައި އޭނާ ހަރަކާތްތެރިވަމުން ދިޔައިރު އެއްފަރާތުގައި އައިޕެޑް ބަހައްޓާލައި ހުއްޓެވެ. ޔޫޓިއުބްއިން ދީނީ ޢިލްމުވެރިއަކު ދެއްވަމުންދިޔަ ދަރުސެއް އަޅުވާފައި ހުރިއިރު އެ އަޑު ރަހާ ދިޔައީ އަހަމުންނެވެ. އޭނާގެ ހަރަކާތްތަކަށް މަޑުޖެހި އައިޕެޑަށް ސަމާލުކަން ދެވުނެވެ. މަޑުމަޑުން އައިސް ވީޑިއޯ ފެންނަ ހިސާބުގައި އޭނާ މަޑުކޮށްލި އެވެ. ފަރުވާތެރިކަމާއެކު ދަރުސްގައި އެވަގުތު ދައްކަމުން ދިޔަ ވާހަކަތައް ރަހާ އަޑުއަހަން ހުއްޓެވެ.
"އަހަރެންނާއި ވާކިފްއަށް އެކުގައި ނޫޅެވޭނެތަ. އެއީތަ އަހަރެންގެ ޖަވާބަކީ. ވާކިފްދެކެ ލޯބިވިޔަސް އެ ލޯބިން އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބިގެން މިއުޅެނީ އެހެންވެތަ. އެކަމަކު އަހަރެންނަށް ކުރެވުނީ ކޮންކުށެއް. ކުއްލިއަކަށް ޒަރަކް ފާޅުވުމަކީ އަޖައިބެއް ފަދަ ކަމެއް... ޝައިތަނާ އަހަރެން ހައްލާލަން މަސައްކަތް ކުރަނީއޭ ހީކުރިން. އެހެންވިޔަސް ވާކިފްއަށް ބޭވަފާތެރިވާނޭ ހިތްވަރެއް އަހަރެންގެނެތް. އެއަށްވުރެ ބޮޑަށް ﷲ ގެ އަޒާބާމެދު އަހަރެން ބިރުގަތް." ރަހާ އަމިއްލަ ނަފްސާ ވާހަކަދެއްކި އެވެ.
"ރަހާ..." ކޮޓަރިން ނުކުމެގެން އައި ވާކިފް ގޮވާލި އެވެ. އޭނާ ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ.
"ވަރަށް ހެނދުނާ މީޓިންއެއް އެބައޮތް. ދާން މިދަނީ." ބަދިގެ ތެރޭ ވާކިފްއަށް ބަލަން ހުރި ރަހާއަށް އޭނާ ބުންޏެވެ. އަދި މަޑުނުކޮށް ހިނގައިގަތީ އެވެ.
ވާކިފްއަށް ސައިތައްޔާރު ކުރަމުންކަން ދިޔައީ ރަހާ ބުނަން ބޭނުންވި އެވެ. ނަމަވެސް އޭނާއަށް ވާކިފް ނުކުމެގެން ދާތަން ބަލަން ހުރެވުނީ އެވެ. އޭރު އޭނާގެ ހިތާއި ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެމުންދިޔަ އެވެ. ލޯބިން ދެ ހިތެއް ގުޅުނު ނަމަވެސް އެ ލޯބި ދެގޮތެއްނުވެ އޮންނާނީ ދެ މީހުން ވެސް މަސައްކަތްކޮށްގެންކަން ރަހާގެ ޟަމީރު ވިސްނައިދިނެވެ. އަބަދު ސަމާލުކަން ހޯދަން މަސައްކަތް ކުރަންޖެހޭނަމަ ވަރުބަލިވާނޭ ދުވަހެއް ވެސް އަންނާނޭކަން ރަހާއަށް މިހާރު އިޙްސާސް ކުރެވިއްޖެ އެވެ. ޚިޔާލުތަކަށް ގެއްލި ހުރެ ބިސްގަނޑު ތަށްޓަކަށް ލައިގެން ރަހާ އައިސް ކާމޭޒު ކައިރީ އިށީނެވެ.
"އަހަރެންނަށް މިހާ ބޮޑު ބައްޔެއް މިޖެހުނީ ވާކިފްއަށް އެއްޗެއް ވިސްނޭތޯތަ ނޫނީ މީ އަހަރެންގެ އަމިއްލަ އިމްތިހާނެއްތަ؟." ސައިބޯން އިންއިރު ރަހާގެ އަމިއްލަ ޟަމިރާ އޭނާ ސުވާލުކުރި އެވެ.
"ބަލި މީހަކު ބަލަންވީމާ ވާކިފަށް ބުރަވާނެކަން ޔަޤީން. އެ ހިތުގައި އަހަރެންނަށް ޚާއްޞަކަމެއް ނުވާނަމަ އަދި އަމުދުން އަހަރެންނާއެކީ އުޅުން ވާކިފަށް ވާނީ ބޮޑު ތަކުލީފަކަށް. ވާކިފްގެ ޢަމަލުތަކުން އޭނާ ކުރީން ވީ ލޯބި އަހަރެންގެ މައްޗަށް ނެތްކަން އެނގޭ. އަހަރެންނަށް ކުރީގެ ވާކިފް އަލުން ލިބޭނެއެކޭ ހިޔެއްނުވޭ. ﷲ އަހަރެން އެދޭ ޔަޤީންކަން އަހަރެންނަށް ދެއްވާނެކަން ޔަޤީން. ދެރަވިޔަސް އެކަލާނގެ އަހަރެންނަށް ދައްކަވާނީ ރަނގަޅު މަގެއްކަން ޔަޤީން. އެ މަގުން ކުރިޔަށް ދިއުން އޮތީ." ރަހާ އަމިއްލަ ނަފްސަށް ވިސްނައިދެމުންދިޔަ އެވެ.
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. އަރާމުކޮށްލަން އެނދުގައި އޮތް ރަހާ ކޮޓަރިން ނުކުތީ އެޕާޓްމެންޓްގެ ބެލް އަޅާ އަޑު އިވިގެންނެވެ. އެ ގެއަކީ މީހުން އަންނަ ގެއެއްނޫނެވެ. ރަހާ ހައިރާންވެ ސުވާލު އުފެދުނީ އެހެންވެ އެވެ.
"ސައިމަންތަ ނޫނީ ޒަރަކް އައީތަ؟." ރަހާގެ ސިކުނޑިއަށް އައީ ދެ ނަމެވެ. އެ ގެއަށް އަތުވެދާނޭ ހީވާ ދެ މީހުންނަކީ އެއީ ވީމަ އެވެ. އަނެއްކޮޅުން އެހާ ހެނދުނާ އެވެ.
ޓީޝާޓު ފޮތީގެ ކޮއްޕި ބުރުގާ ރަނގަޅު ކުރަމުން އައިސް ރަހާ ދޮރު ހުޅުވާލި އެވެ. ދޮރުމަތީ ހުރި ސޫރަ ފެނި ރަހާއަށް ޤަބޫލުކުރަން ދަތިވީ އެވެ. އަމިއްލަ ސޫރައާ ވައްތަރު އެތައް ސިފައެއް ރަހާއަށް ފެންނަމުންދިޔަ އެވެ.
"ހެލޯ... ރަހާތަ؟." ދޮރުމަތީ ހުރި އަންހެންކުއްޖާ އަހާލި އެވެ.
(ނުނިމޭ)