ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 19:52
އިސްރާއިލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއް ކައިރީގައި ހާންޔޫނިސްގެ ބައެއް މަޑުކޮށްލައިގެން
އިސްރާއިލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއް ކައިރީގައި ހާންޔޫނިސްގެ ބައެއް މަޑުކޮށްލައިގެން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާގެ މަޝްވަރާތަކުގެ ސްޕީޑާ މެދު ގަތަރުގެ ޗީފް ނެގޯޝިއޭޓަރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި
އޭނާ ވިދާޅުވީ ބައެއް ފަހަރު މަޝްވަރާގެ މަރުހަލާގެ ލަސްކަމުން ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި މިއީ ވަރަށް އަވަސް ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އިސްރާއިލުގެ އަސްކަރީ އޮޕަރޭޝަން ދުވަހެއް ދުވަހަކަށް ކުރިއަށް ދާނަމަ ޣައްޒާގައި ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާނެކަމަށް ގަތަރުގެ ޗީފް ނެގޯޝިއޭޓަރު މުހައްމަދު އަލް-ޚުލައިފީ ވިދާޅުވިއެވެ.

ޣައްޒާގެ މަޝްވަރާތަކުގެ ސްޕީޑާ މެދު ގަތަރުގެ ޗީފް ނެގޯޝިއޭޓަރު މުހައްމަދު އަލް-ޚުލައިފީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަލުން ހަމަލާތައް ދޭން ފެށިތާ މަހެއްހާ ދުވަސް ފަހުން އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ޗީފް ނެގޯޝިއޭޓަރު ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓުލުމާއި ބެހޭ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ބައެއް ފަހަރު މަޝްވަރާގެ މަރުހަލާގެ ލަސްކަމުން ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި މިއީ ވަރަށް އަވަސް ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އިސްރާއިލުގެ އަސްކަރީ އޮޕަރޭޝަން ދުވަހެއް ދުވަހަކަށް ކުރިއަށް ދާނަމަ ޣައްޒާގައި ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އާއި މިސްރާއެކު ގަތަރުން ވަނީ ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމައިގެ އެއްބަސްވުމެއް ގާއިމްކޮށް، ޖެނުއަރީ 19 ވަނަ ދުވަހު 18 މަސް ދުވަސްވީ ހަނގުރާމަ ފުރަތަމަ ފަހަރަށް ހުއްޓާލިއެވެ. ހަނގުރާމަ ފެށީ އޮކްޓޯބަރު 2023 ގައި ހަމާސްއިން އިސްރާއިލަށް ހަމަލާދިންކަމަށް ބުނެއެވެ.

ހަނގުރާމައިގެ ފުރަތަމަ މަރުހަލާ މާޗް މަހުގެ ކުރީކޮޅު ނިމުމަކަށް އައިއިރު، ދެވަނަ މަރުހަލާގެ މަޝްވަރާތަކަށް ދެބައި މީހުންނަށްވެސް އެއްބަސްވުމަކަށް ނާދެވުނެވެ. ހަމާސް އިން ބުނަމުން ދަނީ ޖެނުއަރީ މަހުގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ފަދައިން ހަނގުރާމަ ދާއިމީ ކޮށް ނިމުމަކަށް ގެނައުމަށް ޓަކައި ދެވަނަ މަރުހަލާއަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.

ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކުރުމަށް ގޮވާލާފައިވާ އިސްރާއީލުން ވަނީ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދޭން ފަށާ ޣައްޒާއަށް އެހީތައް އެތެރެވުން ހުއްޓުވާފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހަމާސް އިން ވަނީ 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުން އެ ޖަމާއަތުން ބަލައިނުގަންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އިސްރާއީލުން ބޭނުންވަނީ މި ހުށަހެޅުމުގެ ބަދަލުގައި ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ 10 މީހުން ދޫކޮށްލުމަށެވެ.

ގަތަރުގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ އިސްރާއިލާއި ހަމާސްއިން ވެސް ތާއީދުކޮށްފައިވާ އެއްބަސްވުން އަލުން އިއާދަކުރުމަށް ފާއިތުވި ދުވަސްތަކުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ދަތިތަކާ އެކުވެސް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

އިސްރާއިލާއި ހަމާސްއާ ދެމެދު މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރަމުން އަންނަ ގަތަރަކީ އިސްރާއީލާއި އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސީދާ ފާޑުކިޔުން އަމާޒުވެފައިވާ ގައުމެވެ. ގަތަރުން އެމެރިކާގެ ކޮލެޖް ކެމްޕަސްތަކުގައި "އެމެރިކާއާ ދެކޮޅު އަދި ޔަހޫދީންނާ ދެކޮޅު" ޕްރޮމޯޓްކުރި ކަމަށް ނަތަންޔާހޫ ދާދި ފަހުން ޑޭސްޓާއަށް ދެއްކެވި ވާހަކަތައް އަލް ޚުލައިފީ ވަނީ ދޮގުކުރައްވާފައެވެ.

ގަތަރުގެ އޮފިޝަލް ވަނީ ގަތަރުގެ ތައުލީމީ ޕާޓްނާޝިޕްތަކާ ބެހޭ ގޮތުން ނަތަންޔާހޫ ދައްކަވާ ވާހަކަތައް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ. އޭނާ ވަނީ ގަތަރުން ކުރާ ކަންކަމަކީ ދެފުށްފެންނަ ކަންކަން ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް