އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި، އިތުރު 25 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.
ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގައި 25 މީހަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 20 މީހުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ.
އޭގެ ފަހުން ނެރުނު އިތުރު ބަޔާނެއްގައި ރަފަހުގެ އިރުމަތީ ސަރަޙައްދުގައި އާންމު ރައްޔިތުންގެ ބަޔަކަށް ދިން ޑްރޯން ހަމަލާއެއްގައި ފަސް މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
ދެ މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދޭން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންންޔާހޫ ވިދާޅުވެފައި ވަނީ ހަމާސްގެ ޝަރުތުތަކަށް ބޯ ނުލަނބާ، ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 51,201 މީހުން ޝަހީދުވެފައިވެ އެވެ.