އިންޑިއާއިން ޗައިނާއަށް ކެނޯލާ އެކްސްޕޯޓްކުރަނީ
ކެނެޑާއިން އެތެރެކުރާ މުދަލުން 100 އިންސައްތަ ޓެރިފް ނަގަން ޗައިނާއިން ފެށުމުން، ޗައިނާއަށް ކެނެޑާއިން ކެނޯލާ ނުވަތަ ރެޕްސީޑް ގެނައުން ހުއްޓިއްޖެއެވެ.
ޗައިނާއަކީ ކެނޯލާ އެންމެ ގިނައިން ބޭނުންކުރާ އެއް ގައުމެވެ. ކެނެޑާއަށް ޗައިނާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމާއެކު، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޗައިނާއިން ވަނީ ކެނެޑާއިން އެގައުމަށް އެތެރެކުރާ މުދަލުންވެސް 100 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމާފައެވެ. އެއާއެކު ޗައިނާއިން ވަނީ އަވަށްޓެރި އިންޑިއާއިން ކެނޯލާ އެތެރެކުރަން ފަށާފައެވެ.
އެގޮތުން މިދިޔަ 3 ހަފްތާތެރޭ 52 ހާސް ޓަނުގެ ކެނޯލާ، އިންޑިއާއިން ޗައިނާއަށް އެތެރެކޮށްފައިވެއެވެ. މިއީ މުޅި 2024 ވަނަ އަހަރު އެތެރެކުރި އަދަދަށްވުރެވެސް 4 ގުނަ އިތުރު އަދަދެކެވެ. ރޮއިޓަރސްއިން ބުނާ ގޮތުގައި ޗައިނާއިން ކެނޯލާ ޝިޕްމަންޓް ގަނެފައިވަނީ ޓަނެއް 220 ޑޮލަރާއި 235 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.
އިންޑިއާއަކީ ކެނޯލާ ނުވަތަ ރެޕްސީޑް 3 ވަނައަށް އެންމެ ގިނައިން ހައްދާ ގައުމެވެ. އެހެންނަމަވެސް ޗައިނާގެ މާކެޓް ހޯދުން އެގައުމަށް ވެފައިވަނީ ދަތިކަމަކަށެވެ. މިދިޔަ އަހަރު ކެނެޑާއި 2.02 މިލިއަން މެޓްރިކް ޓަނުގެ ކެނޯލާ ކެނެޑާއިން ޗައިނާއަށް އެތެރެކުރިއިރު، އިންޑިއާއިން ޗައިނާއަށް އެތެރެކޮށްފައިވަނީ އެންމެ 13،100 ޓަނުގެ ކެނޯލާއެވެ. އިންޑިއާއިންވެސް އަހަރަކު 2 މިލިއަން ޓަނަށްވުރެ ގިނަ ކެނޯލާ އެކްސްޕޯޓްކުރިނަމަވެސް، ޗައިނާއިން ހިއްސާކުރަނީ އިންޑިއާގެ ކެނޯލާ އެކްސްޕޯޓް މާކެޓުގެ އެންމެ އިންސައްތައެކެވެ. އިންޑިއާއިން އާއްމުކޮށް ކެނޯލާ އެކްސްޕޯޓްކޮށް އުޅެނީ ދެކުނު ކޮރެއާ، ބަންގްލަދޭޝް، ތައިލެންޑް އަދި ވިއެޓްނާމަށެވެ.
އިންޑިއާގައި ކެނޯލާއަށް އޮންނަ ޑިމާންޑް ކުޑަވުމުގެ ސަބަބުން އެގައުމުގައި ޓަނެއް ޖެހެނީ އެންމެ 200 ޑޮލަރަށެވެ. ކެނޯލާގެ ބޮޑު ސްޓޮކެއް އިންޑިއާގައި އޮތް އިރު، ޗައިނާ ބާޒާރު އިންޑިއާއަށް ހުޅުވާލުމުން އަގު މައްޗަށް ޖެހި، ސްޓޮކް މެނޭޖްކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists