އާޝާ ބަދަލެއް ނުވޭ، ހިތްވަރު ހޯދަނީ ހެޔޮ ދުޢާ އިން
ފިލްމީ ދާއިރާ އިން ވިދާލި އައިމިނަތު ރަޝްފާ (އާޝާ) ދާދި ފަހުން ވަނީ އުމުރާގެ އަޅުކަމަށް ގޮސްފަ އެވެ. އޭނާގެ މަންމައާ އެކު އުމްރާގެ އަޅުކަމުގައި ދިޔަކަން ހާމަކޮށް މި މަހު ހަތަރުވަނަ ދުވަހު އިންސްޓަގްރާމް ގައި ޕޯސްޓެއް ކުރި އެވެ.
އެ ޕޯސްޓްގައި ތިން ފޮޓޯއަކާއި ވީޑިއޯއެއް ހިމަނާފައިވެ އެވެ. އެއީ ކައުބާގެ ކައިރީގައި ހުރެ އާޝާ ނަގާފައިވާ ތިން ފޮޓޯއަކާއި ވީޑިއޯ ކޮޅެކެވެ. ވީޑިއޯގައި ފެންނަނީ އާޝާ އޭނަގެ މަންމައާއެކު ސެލްފީއެއް ނަގަން އުޅޭ މަންޒަރެވެ. އެއީ އޭނާގެ ހަޔާތުގެ އުފާވެރި ވަގުތުކޮޅެއްކަން ވީޑިއޯގައި އިވޭ ހުނުމުގެ އަޑުން ސާފުވެ އެވެ.
ފޮޓޯގައި އާޝާ ފެންނަނީ ބުރުގާ އަޅައި ރީތިކޮށް ނިވާގެން ހުއްޓަ އެވެ. މި ޕޯސްޓް ހިއްސާ ކުރުމުގެ ގޮތުން 39 ހާހަށް ވުރެ ގިނަ މީހުން ފޮލޯކުރަމުންދާ އޭނާގެ އެކައުންޓްގައި ހުރި އެހެން ހުރިހާ ފޮޓޮައަކާ ވީޑިއޯއެއް ހައިޑް ކުރި އެވެ. ހަމައެކަނި ފެންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ އޭނާ ޕޯސްޓްކުރި ވީޑިއޯއެއް އެކަންޏެވެ.
އާޝާގެ މި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވި އެވެ. މިހާތަނަށް 15،500 ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ. އާޝާގެ ރިޕްލައިތަކާ އެކު 116 ކޮމެންޓް ވެ އެވެ.
ހުރިހާ ކޮމެންޓެއްގައި ކަހަލަ ގޮތަކަށް ހުރީ އާޝާއަށް ހެޔޮ ދުއާ އެވެ. ބުރުގާ އާއެކު އޭނާގެ ނިއު ލޫކުސް ރީތި ކަމުގެ ވާހަކަ އެވެ. އެ ނޫން ގޮތަކަށް ދެން ފެންނަން ނޭދޭ ކަމުގެ ޝުއޫރުތަކެވެ.
އޭގެ ތެރެއިން ވަރަށް ގިނަ ކޮމެންޓްސްތަކަށް އާޝާ ލައިކްކޮށް ރިޕްލައި ދީފައިވެ އެވެ. އޭނާއަށް ހެޔޮ ދުއާ ކޮށް ދިނީތީ ޝުކުރުވެރިވެ ދުއާތަކުގައި ބައިވެރިވެފައިވެ އެވެ.
އެ ހުރިހާ ރިޕްލައިތަކުން ދޭހަކޮށް ދެނީ ބުރުގާ އަޅާ އޭނާ ބަދަލުވި ބަދަލުވުމުގައި ދެމި ހުންނަން ބޭނުންވާ މިންވަރެވެ. ހެޔޮ އެދޭ މީހުންގެ ހެޔޮ ދުއާ ބޭނުންވާ މިންވަރެވެ.
ބުރުގާ ނާޅާ މީހުން ވެސް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅޭއިރު ބުރުގާ އަޅައިގެން ހުރެ ފޮޓޯ ނަގާ އާންމު ކުރެ އެވެ. ތާރީހަށްޓަކަ އެވެ. ފަހަށް ރައްކާ ކުރުމުގެ ބޭނުމުގަ އެވެ. ފޭނުންނާއި އެކުވެރީންނާއި އާއިލާގެ މީހުންނާއި ހިއްސާ ކުރުމަށެވެ.
އާޝާ ވެސް ފޮޓޯ އާންމު ކުރުމުން ބައެއް މީހުން ދެކުނީ އެގޮތަށެވެ. އުމްރާގެ އަޅުކަމަށް ބުރުގާއިން ނިވާވެލީ ކަމަށެވެ. އޭނާގެ ބައެއް ރައްޓެހިން ބުނި ގޮތުގައި އުމްރާއަށް ފުރުމުގެ ކުރީން އާޝާ ބުރުގާ އެޅި އެވެ. އަދި އެނބުރި އައިސް ވެސް އުޅެނީ ބުރުގާ އަޅައިގެންނެވެ.
އުމްރާގެ އަޅުކަމަށް ފަހު ފުރަތަމަ ފަހަރަށް އާޝާ ވަނީ ބުރުގާ އަޅައިގެން ހުރެ ނަގާފައިވާ ދެ ފޮޓޯއެއް ސްޓޯރީ ކޮށްފަ އެވެ. އެއް ފޮޓޯގައި ވަނީ އޭނާގެ އެންމެ ހާއްސަ ފަރާތެވެ. ދެން ވަރަށް ގާތް އެކުވެރި އެކެވެ.
އުމުރުން 21 އަހަރުގައި ފިލްމީ ދުނިޔެއަށް އާޝާ ތައާރަފު ކޮށް ދިނީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް، ޑާކްރެއިންގެ ފިލްމަކުންނެވެ.
އޭގެ ފަހުން ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ލިބުމުގެ ނަތީޖާައެއްގެ ގޮތުން ނުފޫޒުގަދަ ފިލްމީ ތަރިއަކަށް އޭނާވި އެވެ.
މީގެ ހަ އަހަރު ކުރީން 2019 ވަނަ އަހަރު އާޝާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ހައެއްކަ އަހަރު ފިލްމީ މަސައްކަތުގައި ހޭދަކުރަން ބޭނުން ކަމަށް ބުނެފަ އެވެ. އެ މުއްދަތު މިހާރު ހަމަވަނީ އެވެ.
އެހެން ކަމުން އާޝާގެ މި ބަދަލާއެކު އެންމެ ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ ދެން އޭނާ ފިލްމެއް ކުޅެދާނެތޯ ކުރާ ސުވާލެވެ. އެ ސުވާލަށް ސީދާ އާޝާގެ ސާފު ޖަވާބެއް އަދި ތިލަނުވެ އެވެ. ނަމަވެސް އޭނާގެ ވަރަށް ގާތް އެކުވެރީން ބުނާ ގޮތުން ފިލްމީ މަސައްކަތުން ދެން އާޝާ ފެނުމަކީ ދުރުކަމެކެވެ. ފެނުނަސް ފެންނާނީ ބުރުގާއާ އެކު އެވެ.
ގދ. ގައްދޫ ގައި ކިޔެވުމުގެ މަރުހަލާ ނިންމުމަށް ފަހު އާޝާ މާލެ އައީ އިތުރަށް ކިޔެވުމުގެ ބޭނުމުގަ އެވެ. ލަންކާ އަށް ދިޔައީ އޭވިއޭޝަން ދާއިރާ އިން ޑިޕްލޮމާ ހަދާށެވެ.
ކިޔެވުން ފުރިހަމަ ކުރި އެވެ. ޑިޕްލޮމާ ނިންމާފަ މާލެ އައީ ވަޒީފާ އަކަށްދާން ނަމަވެސް ފިލްމީ މަސައްކަތުން ފުރުސަތު ލިބި ދުވަސްކޮޅަކު އެ މަސައްކަތުގައި ހޭދަކުރީ އެވެ.
އޭރުވެސް އާޝާގެ އުންމީދަކީ ހައެއްކަ އަހަރު ފަހުން ކެބިންކްރޫގެ ވަޒީފާއަށް ދިއުމެވެ. “މޭބީ ސިކްސް ވަރަކަށް އަހަރު ފަހުން ކެބިން ކްރޫ އެއްގެ ގޮތުގަ ވެސް ފެނިދާނެ،” މީގެ ހަ އަހަރުން 2019 އޮގަސްޓް މަހު ދިން އިންޓަވިއުއެެއްގައި އާޝާ ބުންޏެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists