އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތަށް ފާޑުކިޔާ މީހުންނަށް ރައީސްގެ ވަރުގަދަ ރައްދެއް
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ފާޑުކިޔާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދައަށް ރައްދު ދެއްވައިފި އެވެ.
އެމަނިކުފާނު އެ މޭރުމުން ރައްދު ދެއްވީ މިރޭ އޮތް ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ގެންދަވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ވައިގެ ފްލީޓެއް އުފައްދަވާ ޑްރޯން ފަދަ އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ހޯއްދަވައި ދެއްވާފަ އެވެ. މީގެ އިތުރުން އެންމެ ޒަމާނީ އެއްގަމު އުޅަނދުތައް ވެސް ވަނީ ހޯއްދަވައި ދެއްވާފަ އެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ހިނގާލުމުގައި އެ އުޅަނދުތައް ވަނީ ދައްކާލާފަ އެވެ. އެކަމާ ގުޅުވާ ވާދަވެރީން ދަނީ ސިޔާސީ ބޭނުމުގައި ތަފާތު ވާހަކަތައް ދައްކަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ވަރުގަދަ ކުރުމަކީ ޤައުމީ މަސައްކަތެއް ކަަމަށެވެ. އަދި އެއީ ހުރިހާ ދިވެހީން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ގައުމީ ގޮތުން ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ގައުމުގެ ހިޔާމަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަން ކަމަށްޓަކާ, އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކާ ކުރަން ޖެހޭ ކަމެއް. ފަހުރުވެރިކަމާ އެކު ކުރަން ޖެހޭ ކަމެއް. ލަދުގަންނަން ޖެހޭ ކަމެއް ނޫން," ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އަދި އެމަނިކުފާނު ވަނީ އެކަމަށް މަލާމަތް ކުރައްވާ މީހުންނަށް ވަރުގަދައަށް ރައްދު ދެއްވާފަ އެވެ. ރައީސް އެފަދަ މީހުން ސިފަ ކުރެއްވީ ގައުމީ ލޯތްބެއް ނެތް މަވެތި ކަމުގެ އިންތިހާއަށް ގޮސްފައިވާ ބައެއްގެ ގޮތުގަ އެވެ.
"އެކަމަށް މަލާމަތް ކުރާ މީހުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި ޤައުމިއްޔަތު ކަމެއް ނެތް ގައުމީ ލޯތްބެއް ނެތް މަވެތި ކަމުގެ އިންތިހާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ޤައުމު ކޮންމެ ފަދަ ގޮތަކަށް ދިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް," މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists